09 Sep 2014, 18:10
ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ސޯމާލިޔާގެ އައް-ޝަބާބު ޖަމާއަތާ ހަނގުރާމަކުރަން އެގައުމަށް ގޮސް ތިބި އެފްރިކަން ޔޫނިއަން (އޭޔޫ)ގެ ސިފައިން އެގައުމުގެ އެތެރޭގައި ރެފިއުޖީންނަށް ވެފައިވާ އަންހެނުން ރޭޕްކޮށް، އެމީހުންގެ ނާޖާއިޒް ފައިދާ ނެގުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެޖަމާއަތުން އިއްޔެ އާއްމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ގާއިމްކޮށްފައިވާ ބްރުންޑީއާއި ޔޫގެންޑާ ސިފައިންގެ ބޭސްތަކުގައި ޖިންސީ ގޮތުން އަންހެނުންގެ ފައިދާ ނެގުމުގެ ޖަރީމާ 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 21 އަންހެނަކާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި ރޭޕްކުރުން ހިމެނޭ ގޮތުން ޖިންސީ ގޯނާ ކުރުމުގެ ތަފާތު 10 ޖަރީމާ ވެސް ހަމަ އެމުއްދަތުގެ ތެރޭގައި ހިންގާފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ޖިންސީ ގޮތުން ގޯނާކުރުމާއި ރޭޕް ކުރުމުގެ އަނިޔާ ލިބުނު އަންހެނުންނާއި ކުދިންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކު ވެސް ޔޫގެންޑާ ސިފައިން ރޭޕްކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭޔޫގެ ސިފައިން އެބަޔަކާ ދެކޮޅަށް ހަނގުރާމަކުރާ އައް ޝަބާބަކީ އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ޖަމާއަތެކެވެ.
އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އެޖަމާއަތުގެ ކުރީގެ ވެރިޔާ މުޚުތާރު އަބޫ ޒުބައިރު ވަނީ މިމަހުގެ ހަތް ވަނަ ދުވަހު މަރުވެފައެވެ. އެހެންވެ އެޖަމާއަތުން ވަނީ އައު ވެރިއެއްގެ ގޮތުގައި އަޙުމަދު ޢުމަރު އަބޫ އުބައިދާ ނަމަކަށް ކިޔާ މީހަކު ހަމަޖައްސާފައެވެ.