ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ޖަޕާނުގެ ކެއި ނިޝިކޯރީ އާ ވާދަކޮށް ސާބިއާގެ މަރިން ޗިލިޗް މުބާރާތް ކާމިޔާބު ކޮށްފިއެވެ.

ނިޝިކޯރީގެ މައްޗަށް ޗިލިޗް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 6-3، 6-3، 6-3 ނެވެ. ފައިނަލުގައި ނިޝިކޯރީ އަކަށް ޗިލިޗް ގެ ސާވް އެއްގޮތަކަށް ވެސް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މުޅި މެޗުގައި ޗިލިޗް ގެ ފަރާތުން 17 އޭސެސް ފެނިގެން ދިޔައެވެ.

މުބާރާތް ކާމިޔާބުކުރުމަށް ފަހު، ޗިލިޗް އޭނާގެ ކޯޗުންނާއި ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ޑެއިލީމެއިލް

ޑްރަގުގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން އެންމެ ފަހުގެ ޔޫއެސް މުބާރާތުގައި ޗިލިޗް ކުޅެފައިނުވާއިރު އެފަހަރު ޗިލިޗަށް ގިނަބައެއްގެ ފާޑުކިއުންތަކާ ކުރިމަތިވި އެވެ.

މި ދެ ކުޅުންތެރީން ވެސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައިވަނީ ޓޮޕް ސީޑް ކުރެވިފައިވާ ދެ ކުޅުންތެރިންގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

ނިޝިކޯރީ ސެމީގައި، އެއް ނަންބަރު ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް ބަލިކުރިއިރު ޗިލިޗް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މި މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ފެޑެރާ ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް ސާބިއާގެ ކުޅުންތެރިޔާ ކާމިޔާބުކުރިއިރު މިއީ އޭނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ގްރޭންޑް ސްލޭމް އެވެ. އަދި މިއީ ޗިލިޗް ގެ ޓެނިސް ހަޔާތުގައި އޭނާއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އެވެ.
ޔޫއެސް އޯޕަން ފައިނަލް މެޗުގެ ތެރޭގައި ނިޝިކޯރީ -- ފޮޓޯ: ޑެއިލީމެއިލް

ނިޝިކޯރީ ފައިނަލަށް ނުކުތީ ޔޫއެސް އޯޕަން ކާމިޔާބު ކުރާ، އޭޝިއާއަށް އުފަން އެންމެ ފުރަތަމަ މީހާއަށް ވުމަށެވެ. ނަމަވެސް ސެމީގައި ޖޮކޮވިޗް އާ ދެކޮޅަށް ދެއްކި ކުޅުން ފައިނަލުގައި ތަކުރާރުކުރެވޭ ގޮތެއް ނުވިއެވެ.

އުމުރުން 25 އަހަރުގެ ޗިލިޗްގެ މި ކާމިޔާބީގެ ސަބަބުން އިނގިރޭސިވިލާތުގެ އެންޑީ މަރޭއަށް ވަނީ ގެއްލުން ދައްކާފައެވެ. ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޓޮޕް 10 ކުޅުންތެރިންގެ ލިސްޓުން ކެޓުމުގެ އިތުރުން މިއަހަރު ފަހު ކޮޅު އޮންނަ ބާކްލޭސް އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް އިން ޖާގަ ހޯދުމަށް މަރޭއަށް ވަނީ އިތުރު އުނަދަގުލަކާ ކުރިމަތިވެފައެވެ.