09 Sep 2014, 17:42
މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު އަގުބޮޑު ކުޅުންތެެރިން ކަމަށްވާ ރަޑެމަލް ފަލްކާއޯ އާއި އެންޖަލް ޑި މަރިއާ އާ އެކު ކުޅެން ބޭނުންވާ ކަމަށް އެޓީމުގެ ފޯވާޑް ރޮބިން ވެން ޕާސީ ބުނެފި އެވެ.
ޔުނައިޓެޑުން ވަނީ މި ސީޒަންގައި އާ ކުޅުންތެރިން ހޯދުމަށް 150 މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަގެއް ދައްކާފައި ވަނީ، ފަލްކައޯ އާއި ޑި މާރިއާ ގެނައުމަށެވެ. މި ކުޅުންތެރިންނާ އެކު ލޫކް ޝޯގެ އިތުރުން އެންޑަ ހެރޭރާއާއި މާކޮސް ރޯޖޯ އަދި ޑޭލީ ބްލައިންޑް ވެސް މިފަހަރު ގެނައި ކުޅުންތެރީންގެ ތެރޭގައި ހިމެނެ އެވެ.
ޔުނައިޓެޑަށް މިފަހަރު ގިނަ ކުޅުންތެރިން ތަކެއް ގެނެސްފައިވީ ނަމަވެސް ހެރޭރާ އާއި ޑި މަރިއާ ފިޔަވައި އެހެން ކުޅުންތެރިއަކަށް އަދި ޓީމަށް ކުޅެން ފުރުސަތުލިބިފައެއް ނުވެއެވެ.
ޝޯ ރަނގަޅަށް ފިޓު ނުވުމުގެ ސަބަބުން ޓީމުން ޖާގަ ނުލިބިފައިވާ އިރު ރޯޖޯއަށް ކުޅުމުގެ ފުރުސަތު ގެއްލިފައި ވަނީ، އޭނާއާށް ވިސާ ހަމަޖެހިފައި ނުވާތީ އެވެ.
އަންނަ އާދީއްތަދުވަހު ޕްރިމިއަ ލީގުގައި ކިއުއާރުޕީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ފަލްކައޯ އާއި ރޯޖޯ އަދި ބްލައިންޑް މެންޔުނައިޓެޑްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެން ޕާސީ ބުނީ އާ ކުޅުންތެރިން އައުމުން އުފާވާ ކަމަށާއި އެ ކުޅުންތެރީން ޓްރެއިންކޮށްދީ އެމީހުންނާއެކު ޓީމުގައި ކުޅެން ބޭނުން ކަމަށެވެ.
"އަހަރެން މިހާރު މިހުރީ ކެތް މަދުވެފައި އެމީހުންނަށް ޓްރެއިނިން ދީ އެމީހުންނާއެކު ކުޅެން. ރަނގަޅަށް އިތުރަށް ކުޅޭ ހިތްވަނީ. ކުޅުންތެރިން އައުމުން އަހަރެން މިހުރީ ވަރަށް ބޮޑަށް އުފާވެފައި. ދުނިޔޭގެ އެންމެ ވަރުގަދަ ކުޅުންތެރިންނާއެކު ކުޅެން ވަރަށް ބޭނުން،" އާސެނަލްއިން ޔުނައިޓެޑާ ގުޅުނު ހޮލެންޑް ފޯވާޑް ބުންޏެވެ.