އިޓަލީގެ ރޯމާއިން ނިމިމިދިޔަ ޓްރާންސްފާގައި ޖަރުމަނުގެ ބަޔާން މިޔުނިކަށް ބަދަލުވި މޮރޮކޯ ޑިފެންޑަރު މެހްދީ ބެނާޓިއާއަކީ 'ވިހަގަދަ' ދޮގުހަދާ މީހެއް ކަމަށް ރޯމާގެ ޕްރެޒިޑެންޓް ޖޭމްސް ޕަލޯޓާ ވިދާޅުވެއްޖެ އެވެ.

ޕަލޯޓާ ވިދާޅުވީ، ބަޔާނަށް ބަދަލުވުމުގެ ކުރިން ރޯމާގައި މަޑުކުރަން ބޭނުން ކަމަށް ބުނެ ޓީމުގެ އޮފިޝަލުންނާ ވާހަކަ ދެއްކިކަމަށް ބެނާޓިއާ ފަތުރާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. ބެނާޓިއާ އިއްޔެ ބުނެފައި ވަނީ ބާސެލޯނާ އަދި ރެއާލް މެޑްރިޑުން އޭނާ ގެންދަން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އޭނާ ބޮޑަށް ބޭނުންވީ ރޯމާގައި މަޑު ކުރަން ކަމަށެވެ. އަދި ރޯމާއިން އޭނާ ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި ކްލަބަށް ފައިސާ ބޭނުންވުން ވެސް ހިމެނޭ ކަމަށް ބަޔާންއާ އަލަށް ގުޅުނު ޑިފެންޑަރު ވަނީ ބުނެފައެވެ.

"މަހްދީ ބެނާޓިއާ އެވަނީ ދޮގުހަދާފައި. ފަހަކަށް އައިސް އޭނާ މިހާރު ކުރަމުން އަންނަ ކަމެއް އެއީ. އޭނާ ބުނީ އަހަރެމެން ކައިރީ ހުންނަން އުފާވާ ވާހަކަ. އޭނާއާ އެކު އަހަރެމެން މަޝްވަރާކޮށް އެއްބަސްވުމަކަށް އައިން އޭނާ މި ކްލަބުގައި މަޑުކުރާގޮތަށް،" ޕަލޯޓާ ވިދާޅުވި އެވެ.

ޕަލޯޓާ ވިދާޅުވީ، ޓީމުގެ ކޯޗާއި ކުޅުންތެރިންނަށް ވެސް ދޮގުހަދައި އޮޅުވާލުމަކީ ބެނާޓިއާ އާންމުކޮށް ކުރަމުން ދިޔަ ކަމެއް ކަމަށާއި އެއީއ އަޅާނުލައި ދޫކޮށްލެވޭ ވަރު ކަމެއް ނޫން ކަމަށެވެ.

"މި ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އޭނާގެ ޓީމް މޭޓުންނަށާއި ރޫޑީ ގާސިއާ (މެނޭޖަރު) އަށް ވެސް ދޮގު ހަދާފައި. އަހަރެންނަށް ދޮގު ހެދުމަކީ އަދި ވަކި ކަމެއް. އެކަމާ އަޅާނުލައި އަހަންނަށް ދޫކޮށްލެވިދާނެ. އެކަމު އެ މީހުންނަށް ދޮގު ހެދީމަ އެއީ އެއްވެސް ވަރަކަށް އަހަރެންނަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫން،" ޕަލޯޓާ ވިދާޅުވި އެވެ.

ޕަލޯޓާ ވިދާޅުވީ، ކްލަބުން ބޭނުންވީ ބެނާޓިއާ ދޫކޮށްލަން ކަމަށާއި އެކަމުގައި ފައިސާއާ އެއްވެސްވަރެއްގެ ގުޅުމެއް ނެތްކަމަށެވެ.

"އަހަރެން ބުނިން ވޯލްޓާ ސަބަޓީނީ (ސްޕޯޓިން ޑިރެކްޓަރު) ކައިރީ މިހާރު އޭނާގެ (ބެނާޓިއާ) ދޮގުތަށް ވިހަވަނިއޭ. އަދި އޭނާ ފޮނުވާލަން ބޭނުމޭ. ސަބަޓީނީއާއި ގާސިއާ އެއަށް އެއްބަސްވި. އެއީ އެއްވެސް ހާލަތެއްގައި ފައިސާ ނެތިގެނެއް ނޫން. ފައިނެންޝަލީ އަހަރެމެން ހަމަ ރަނގަޅު،" ޕަލޯޓާ ވިދާޅުވި އެވެ.

ކުޅުންތެރިއެއް ފަރާތުން އަހުލާގީ ގޮތުން އެފަދަ ދަށުދަރަައިގެ އަމަލުތަކެއް ފެނުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށް ރޯމާގެ ޕްރެޒިޑެންޓް ވިދާޅުވި އެވެ.

ރޯމާގައި އެންމެ ސީޒަނެއް ހޭދަކޮށްފައިވާ ބެނާޓިއާ އުޑިނީސް އިން އެ ކުލަބާ ގުޅުނީ 13.5 މިލިއަން ޔޫރޯއަށް 2013 ގައެވެ.