09 Sep 2014, 16:55
މިއަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓުމަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 29 އިންސައްތަ އިތުރުވެ ރާއްޖެއަށް ބޭރުން މުދާ އިމްޕޯޓް ކޮށްފައިވާ މިންވަރު 16 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކަސްޓަމްސް އިން ސަންއާ ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހާ އަޅާ ބަލާއިރު ހުސްވި އޯގަސްޓްމަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 29 އިންސައްތަ ވަނީ އިތުރުވެފަ އެވެ. އެގޮތުން އޮގަސްޓްމަހު ރާއްޖެއިން 112 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވީ ނަމަވެސް މިދިޔަ ޖުލައިމަހު އެކްސްޕޯޓްކޮށްފައި ވަނީ 86 މިލިއަން ރުފިޔާގެ މުދާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ފްރާންސަށް 25 މިލިއަން ރުފިޔާގެ މުދާ އަދި އެމެރިކާއަށް 14 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު އިންގިރޭސި ވިލާތަށް ވަނީ 13 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފަ އެވެ.
އިމްޕޯޓަށް ބަލައިލާ އިރު މިދިޔަ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރި އަދަދު ވަނީ މިއަހަރު އޮގަސްޓްމަހާ އަޅާ ބަލާއިރު 16 އިންސައްތަ ދަށްވެފަ އެވެ. މިދިޔަ އޯގަސްޓްމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ.
އެގޮތުން އިމްޕޯޓްކުރި ތެލުގެ ޖުމްލަ އަދަދަކީ 653.1 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކާބޯތަކެޓީގެ ބާވަތްތަށް އެތެރެ ކުރުމަށެވެ. އެގޮތުން 492.9 ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވާ އިރު 369.6 މިލިއަން ރުފިޔާގެ މެޝިނަރީސް އާއި އިލެކްޓްރޯނިކްސް ވަނީ އެތެރެކޮށްފަ އެވެ.
ފާއިތުވި އޯގަސްޓްމަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރީ ސިންގަޕޫރުންނެވެ. އެގޮތުން އެގައުމުން 578 މިލިއަން ރުފިޔާގެ މުދަލާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން 437.3 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިޔާ އިން 219.8 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.