09 Sep 2014, 16:46
ރާއްޖޭގެ ދަރިވަރުންނަށް ސްރީލަންކާގައި މެޑިސިން ކިޔެވުމުގެ ފުރުސަތު ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ލަންކާއަށް ފުރައިފި އެވެ.
ސްރީލަންކާގެ ހަޔާ އެޑިއުކޭޝަނާ ދެމެދު ލަންކާގައި ބާއްވާ އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
ޑރ. ނަޒީރު "ސަން" އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި ސްރީލަންކާއާއި ރާއްޖެއާ ދެމެދު ހަދާފައިވާ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ސްރީލަންކާގައި މެޑިސިން ކިޔެވޭނެ ފުރުސަތު ހުޅުވާލެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރާނެ ކަމަށެވެ.
"ނަރުހުންނާއި މެޑިސިންގެ ދާއިރާއިން ދަރިވަރުންނަށް ލަންކާއިން ސްކޮލޮޝިޕްގެ ފުރުސަތާއި ކިޔެވުމުގެ ފުރުސަތު ލިބޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ޓީޗަރުންނާއި ސްރީލަންކާގައި ކިޔަވައިދޭ ޓީޗަރުންނާ ދެ ގައުމުގެ ލެކްޗަރާއިން އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ބައްދަލުކޮށް ތަޖުރިބާ ހިއްސާ ކުރެވޭނޭ މަގުފަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްރީލަންކާއާއި ދިވެހި ރާއްޖެއާ ދެމެދު ހަޔާ އެޑިއުކޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ސޮއިކުރި އެމްއޯޔޫއެއް ތަންފީޒުކުރުމަށް އެކުލަވާލެވުނު އެކްޝަން ޕްލޭންގެ ދަށުން ބާއްވާ ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުން ދެއަހަރުން އެއް އަހަރު ބާއްވަން ނިންމާފައިވާއިރު، މިއީ އެ ބައްދަލުވުން ބާއްވާ ދެ ވަނަ ފަހަރު ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.