09 Sep 2014, 16:05
އައްޑޫ ސިޓީގެ ފޭދޫގެ ރަށްދެބައި މަގާއި ބަނދަރު ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްފި އެވެ.
އެކަމަށް ޓަކައި މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްގެ މަސަައްކަތް ހަވާލުކޮށްފައި ވަނީ އެމްއާރުޑީސީއާ އެވެ.
އެގްރީމަންޓްގައި ސޮއިކުރުމަށް ޓަކައި މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރަށްދެބައި މަގާއި ހާބަރު މަގު ހެދުމުގެ ޕްރޮޖެކްޓަށް 7.9 މިިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖައްސާފައިވާ މަގަކީ ސްކޫލާއި ވަރަށް މުހިންމު ތަންތަން ހުރި މަގެއް ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މި މަގު (ރައްދެބައިމަގު) މަސައްކަތް ނިމިގެންދާ އިރު މިހާރު ވެސް ހެދިފައިވާ މައިމަގާއި ބަނދަރާ ގުޅާލެވިގެންދާނެ، ތާރުއަޅައިގެން ރަނގަޅު ފެންވަރެއްގައި މި މަގު ހެދިގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް އީއައިއޭ ރިޕޯޓް ފާސްވާތާ، 45 ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ އެހެނިހެން މަގުތައް ހެދުމުގެ މަސައްކަތްތައް ކުރުމަށް އެގްރީމަންޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން ހުޅުދޫ މީދޫ އަދި ހިތަދޫގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.