މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މާގަމަށް ފާތިމަތު ޝަފީގާ އައްޔަން ކުރައްވައިފި އެވެ.

ސިވިލްސާވިސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ތ. ގުރައިދޫ މަންޒިލް، ފާތިމަތު ޝަފީގާ އެމަގާމަށް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. ޝަފީގާ މީގެ ކުރިން ހުރީ ޑިޕާޓްމަންޓް އޮފް ނެޝެނަލް ޕްލޭނިންގްގެ ޑެޕިއުޓީ ޖެނެރަލް މަގާމުގަ އެވެ.

ސީއެސްސީން ބުނީ ޝަފީގާ އަކީ ނިއުޒިލޭންޑްގެ ޔުނިވަސިޓީ އޮފް ވައިކަޓޯ އިން ސޯޝަލް ސައިންސް އިން ބެޗްލާސް ޑިގްރީއެއް ހައްދަވައި ކެނެޑާގެ ޔުނިވަސިޓީ އޮފް ޓްރޮންޓޯ އިން އިންޑަސްޓްރިއަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީއެއް ހައްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ސްޓެފޮޑް ޝަޔާ ޔުނިވަސިޓީން ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާއެއް ވެސް ހާސިލު ކުރައްވާފައި ކަމަށެވެ.

ޝަފީގާ ސަރުކާރުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ 1994 ވަނަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގް ހިއުމަން ރިސޯސް އެންޑް އެންވަޔަރަމަންޓްގަ އެވެ. ސީއެސްސީން ބުނީ ޝަފީގާއަކީ ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭ ސަރުކާރުގެ ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވައި އަދި ސަރުކާރުން ބޭރުން ވެސް ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.