09 Sep 2014, 15:43
ނުމޫސުމުގައި މަސްވެރިކަން ދައްވެ މަސްދުވަހުގެ އާމްދަނީ ނުލިބުމުގެ ސަބަބުން އެ މަހެއްގައި ކަނޑައެޅިފައިވާ އަދަދަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ "މަސްވެރިންގެ އާމްދަނީގެ އިންޝުއަރެންސް ސްކީމް" ގެ ދަށުން ފުރަތަމަ ފަހަރަށް ދޯންޏަކަށް ބަދަލު ފައިސާ ދީފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖޫންމަހު ލިބުނު އާމްދަނީ މަދުވުމުގެ ސަބަބުން މި ސްކީމްގައި ބައިވެރިވެފައިވާ "ކުރުމަސް" ނަމަކަށް ކިޔާ ދޯނީގެ 20 ފަޅުވެރިން ކުރެ ކޮންމެ މީހަކަށް 9977.35 ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ފަރާތުން މިއަދު ދޫކޮށްފައިވާ ކަމަށެވެ. އެ ދޯންޏަށް ޖުމްލަ 199،547.09 ރުފިޔާ ވަނީ އެންސްޕާ އިން ދޫކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނީ އެ ސްކީމްގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ އެންސްޕާގެ ފަރާތުން ކަމަށާއި އެކަމުގައި މިނިސްޓްރީގެ ދައުރަކީ މަސްވެރިން ހުށައަޅާ މައްސަލައިގެ ސައްޚަކަން ވެރިފައިކުރުން ކަމަށެވެ.
އެ ސްކީމްގައި ބައިވެރިވެވޭނީ ތިން ޝަރުތެއް ފުރިހަމަވެގެންނެވެ. އެގޮތުން މަހެއްގެ މައްޗަށް އެމީހަކަށް ލިބޭ އާމްދަނީގެ ބޮޑުބަޔަކީ މަސްވެރިކަން ކޮށްގެން ހޯދާ ފައިސާއަށް ވާންޖެހޭނެ ކަމަށް އެ ސްކީމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އޭގެއިތުރުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ސައްޚަ ލައިސަންސެއްގެ ދަށުން މަސްވެރިކަން ކުރުމާއި އެ މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފައިވާ "ވެސަލް ލޮކޭޓިން ޑިވައިސް" ހަރުކޮށްފައިވާ އުޅަނދަކަށް އެ ދޯނި ވާންޖެހޭނެ ކަމަށް ވެސް އެ ސްކީމްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އެ ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ މަސްވެރިންނަށް ހުޅުވާލާފަ އެވެ.
އެ ސްކީމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ އިތުރުން މެރިން ރިސާޗް ސެންޓަރުންނާއި މިނިސްޓްރީގެވެބްސައިޓުންނެވެ. އެ ފޯމް ފިޝަރީޒް މިނިސްޓްރީ އާއި ރަށު ކައުންސިލް ތަކުން ވެސް ބަލައިގަންނާނެ އެވެ.