09 Sep 2014, 15:37
ބަޣްދާދު (ސެޕްޓެމްބަރ 9) : އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއައްބާދީގެ ސަރުކާރުގެ ކެބިނެޓަށް އިރާގުގެ ޕާލަމެންޓުން ރުހުން ދިނުމާ އެކު ކެބިނެޓްގެ މެންބަރުން މަގާމުގެ ގާނޫނީ ހުވާކުރައްވައިފި އެވެ.
އައްބާދީގެ ސަރުކާރުގައި ބޮޑުވަޒީރުގެ ތިން ނައިބުންނާއި އިރާގުގެ ރައީސްގެ ތިން ނައިބުން ހިމެނޭ އިރު މި ތިން މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ހޫޝިޔާރު ޒީބާރީއާއި ސާލިޙުލް މުތްލަކް އާއި ބަހާއުލްއަޢްރަޖީ އެވެ. މީގެ ތެރެއިން ޒީބާރީއަކީ ކުރީގެ ސަރުކާރުތަކުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ކުރުދީ ދަރިކޮޅުގެ ބޭފުޅެކެވެ. އިރާގުގެ ރައީސްގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނޫރީ އަލްމާލިކީ އާއި އިޔާދު އަލާވީއާއި އުސާމާ އައްނަޖަފީ އެވެ. މީގެ ތެރެއިން ނޫރީ އަލްމާލިކީ އާއި އިޔާދު އަލާވީ އަކީ އިރާގުގެ ބޮޑުވަޒީރުކަން ކުރިން ކުރައްވާފައިވާ ދެބޭފުޅުންނެވެ. އައްބާދީގެ ސަރުކާރުގެ ޚާރިޖީ ވަޒީރަކަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިބްރާހީމް އަލްޖަޢްފަރީ އެވެ.
ކެބިނެޓްގެ މެންބަރުން ހުވާ ކުރެއްވުމަށް ފަހު އައްބާދީ ވަނީ އޭނާގެ ސަރުކާރުގެ މެނިފެސްޓޯ ޕާލަމެންޓްގެ މެންބަރުންނަށް ހާމަކޮށްދެއްވާފަ އެވެ. އިރާގުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އައްބާދީ ވިދާޅުވީ އޭނާގެ ސަރުކާރުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ އިރާގުގެ ތަފާތު މަޛްހަބުތަކާއި ދީންތަކާއި ނަސްލުތަކުގެ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އިންސާފުވެރިކަން ގާއިމް ކުރުމަށާއި ސަރުކާރުން ދޭ ޚިދްމަތްތަކުން އެއްވެސް ރައްޔިތަކު މަޙްރޫމް ނުކުރުމަށެވެ. އަދި އިރާގުގައި އުފެދިފައިވާ މަޛްހަބީ ދީނީ އަދި ނަސްލީ ތަޅާފޮޅުންތަކާއި ބަދަލުހިފުމުގެ ޙަރަކާތްތަކާއި ހަތިޔާރުއެޅި ޖަމާއަތްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި އެޖަމާއަތްތަކުގެ އަތުން ހަތިޔާރުތައް އަތުލައި އިރާގަށް ހަމަޖެހުމާއި ސުލްހަ ގެނައުމަށްވެސް މެނިފެސްޓޯގައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އިރާގުގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ސާފުބޯފެނާއި ނަރުދަމާގެ ޚިދްމަތްތައް އިތުރަށް ފުޅާކޮށް އެޚިދްމަތްތަކުގެ ފެންވަރު ރަނގަނޅު ކުރުމާއި ގެދޮރުގެ ދަތިކަން ޙައްލު ކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕްރޮގްރާމެއް ތަންފީޒު ކުރުމާއި ތަޢްލީމާއި ސިއްހީ ޚިދްމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ވެސް ސަރުކާރުގެ މެނިފެސްޓޯގައި އިސްކަން ދީފައިވާކަމަށް އައްބާދީ ވިދާޅުވި އެވެ. އިރާގުގެ ޕާލަމެންޓުން އިއްޔެ ވަނީ އައްބާދީގެ ބޮޑުވަޒީރު ކަމުގައި އޭނާ އަލަށް އެކުލަވާލެއްވި ކެބިނެޓަށް ރުހުންދީފަ އެވެ. މިކަމަށް ޓަކައި އިއްޔެ ބޭއްވި އިރާގުގެ ޕާލަމެންޓްގެ ޖަލްސާ ރޭ މެންދަމާ ހަމައަށް ދިގުދެމިގެންގޮސްފައިވާ އިރު މިޖަލްސާ ކުރިޔަށްދިޔައީ ވަރަށް ހަބޮލިކޮށް ކަމަށް ޚަބަރުތައް ބުނެ އެވެ.
އައްބާދީގެ ކެބިނެޓަށް އިރާގުގެ ޕާލަމެންޓުން ރުހުން ދިނީ މިކަމަށްޓަކައި ބޭއްވި ޖަލްސާއަށް ޙާޒިރުވި 182 މެންބަރުންގެ ތެރެއިން 177 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އިރާގުގެ ޕާލަމެންޓްގެ މެންބަރުންގެ ޖުމްލަ އަދަދަކީ 328 ކަމަށް ވިޔަސް މިޖަލްސާއަށް ޙާޒިރު ވެވަޑައިގެންފައި ވަނީ 182 މެންބަރުންނެވެ. މީގެތެރޭގައި ގިނައީ އައްބާދީ ނިސްބަތްވެ ވަޑައިގަންނަވާ ޝިޔައީ ގައުމީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނެވެ. އިރާގުގެ ޕާލަމެންޓުން އައްބާދީގެ ކެބިނެޓަށް ރުހުން ދިން ނަމަވެސް އެކެބިނެޓްގެ މުހިއްމު ތިން ވުޒާރާ ކަމަށްވާ ދިފާއީ ވުޒާރާއާއި ދާޚިލީ ވުޒާރާ އާއި މާލީ ވުޒާރާ އަށް ވަޒީރުން އަދި ކަނޑައަޅާފައެއްނުވެއެވެ. އެއީ ކޯލިޝަންގެ ތެރޭގައި ޚިޔާލުތަފާތު ވުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ)