ލޮލަށް ވަޅި ހެރި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ ގެންދިއުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
އުމުރުން 20 އަހަރުގެ އަހުމަދު އިސްވާންގެ ލޮލަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން ލިބުނު ޒަޚަމް ތަކަށް އައިޖީއެމްއެޗްގައި އަދިވެސް އަންނަނީ ފަރުވާ ދެމުން ނެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މާދަމާ ހެނދުނު އިސްވާން އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ފުރުވާލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މާދަމާ އިސްވާން ހުޅުލެއަށް ގެންދާ ގަޑީގައި ފެރީ ކައިރިން ބައްދަލު ކުރުމަށް އޭނާގެ ރައްޓެހިންނަށް ގާތް ރައްޓެހިން ވަނީ މެސެޖްތައް ފޮނުވާފަ އެވެ. މީގެ އިތުރުން އޭނާ އަށް ހަމަލާ ދިނުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންދިއުމަށް އާއިލާއިން ބޭނުންވުމުން އޭނާގެ ގިނަ ރައްޓެހިން ވަނީ އެހީވާން ފައިސާ ހޯދުމަށް ވެސް މެސެޖްތައް ފޮނުވާފަ އެވެ. އެ މެސެޖް ސަންއޮންލައިން މޮބައިލް ހޮޓްލައިނަށް ވެސް ލިބިފައި ވެއެވެ. އެ މެސެޖްގައި ބުނެފައި ވަނީ "އިސްވާން އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންދިއުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދޭ" ކަމަށެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި އިސްވާން އަށް ހަމަލާދީފައި ވަނީ ސައިކަލުގައި އޭނާގެ ރައްޓެއްސަކު ބަލައި ދިޔަ ވަގުތު އެ ރައްޓެހި ކުއްޖާގެ ގަޔަށް ވަޅި ހަރަން ގޮސް ތިބި ބައެކެވެ. އިސްވާންގެ ލޮލަށް ވަޅި ހެރީ ހެންވޭރު ރިލެކްސްއިން ކައިރީ ސައިކަލެއްގެ މަތީ ރައްޓެހި ކުއްޖާ ބަލައި ގޮސް އިންދާ ސައިކަލެއްގައި ދިޔަ ދެމީހަކުވެގެނެވެ. އެ ހަމަލާގައި އޭނާގެ ވާތު ލޮލުގެ މެދުން ވަނީ ބުރެވިފަ އެވެ.
އިސްވާންގެ ލޮލަށް ވަޅި ހަރާފައި ވުމުން އަލުން އެ ލޮލަށް ފެނުމުގެ އުންމީދު ވަރަށް ކުޑަ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުނެއް ކަށަވަރު ކޮށެއްނުދެ އެވެ.