މިމަހުގެ 13 އިން 17 އަށް ސަންއައިލެންޑު ރިސޯޓުގައި ބާއްވާ ކެރަމް ވޯލްޑްކަޕުން އެއްވަނަ ހޯދުމަކީ ޓާގެޓު ކަމަށާއި އުންމީދަކީ ގައުމަށް ރީތި ނަމެއް ހޯދައިދިނުން ކަމަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމްގެ މެނޭޖަރު މުހައްމަދު ފަރީމް ވިދާޅުވެއްޖެއެވެ.

ކެރަމް ވޯލްޑްކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމް ސަންއައިލެންޑް ރިސޯޓަށް ފުރުމުގެ ކުރިން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފަރީމް ވިދާޅުވީ ކެރަމް ވޯލްޑް ކަޕު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ވަރަށް ވަރުގަދައަށް ފަރިތަކުރުންތައް ކުރިއަށްދާނެ ކަމަށެވެ.

"މިހާރު ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ ފަރިތަކުރުން މިދަނީ. ކޮންމެ ދުވަހަކުވެސް ހެނދުނާ ހަވީރު ވަރަށް ރަނގަޅަށް ޕްރެކްޓިސްކުރުމުގެ އިތުރުން ގައުމީ ޓީމުގެ ބައެއް މެޗުތައްވެސް ކުރިއަށް ގެންދިޔައިން މިދޭތެރޭ. އެހެންވީމަ ޕްރެކްޓިސްގެ އިތުރުން ކުދިންނަށް އެކްސްޕީރިއަސް ލިބިގެން ދިޔަ. އަދި މީގެ އިތުރުން ދެ ކޯޗުން ގެނެސްގެން އެމީހުންގެ އެހީއާއެކު މި ދިޔައީ. ސަން އައިލެންޑަށް ގޮސް އަދި އިތުރަށް [ޕްރެކްޓިސް] ކުރާ ގޮތަށް މިއޮތީ. ކުރިއަށް އޮތް ތިން ދުވަހަކީ ޕްރެކްޓިސްގެ އެންމެ ވަރުގަދަ ތިން ދުވަސް،" ފަރީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ވެސް ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން ކަމަށެވެ.

ރާއްޖޭގެ ގައުމީ ކެރަމް ޓީމް ސަން އައިލެންޑަށް ފުރުމުގެ ކުރިން އެއް ނަންބަރު ޖެޓީ ކައިރީ ފޮޓޯއަކަށް ހުއްޓިގެން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"މިހާރު މިތިބި ކުޅުންތެރިންނަކީ، ފިރިހެންވެސް ތިބި ހަތަރު ކުޅުންތެރިންނަކީ ވަރަށް ގިނަ މުބާރާތްތަކެއް ކުޅެފައި ތިބި ކުޅުންތެރިން. އެއް ކުޅުންތެރިއެއް މިއުޅެނީ ތަންކޮޅެއް އާ ކޮށް. އަންހެން ޓީމުގެ ކުޅުންތެރިންނަކީވެސް ވަރަށް ބައިވަރު މުބާރާތްތަކެއްގައި ކުޅެފައި ތިބި ބައެއް. އަލަށް އަރާ ކުޅުންތެރިޔާ އަކީވެސް ވަރަށް އުންމީދީ ކުޅުންތެރިއެއް. ރަނގަޅު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު،" ފަރީމް ވިދާޅުވިއެވެ.

މުބާރާތުން އަބަދުވެސް އެއްވަނަ ހާސިލްކުރުމަކީ އަމާޒު ކަމަށާއި ބޭރުގެ މޮޅެތި ކުޅުންތެރިންނާ ވާދަކޮށް ކާމިޔާބު ހާސިލްކުރެވޭ ވަރުގެ ކުޅުންތެރިން ރާއްޖޭގެ ޓީމުގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަބަދުވެސް ޓާގެޓު އިންނަނީ ހަމަ އެއްވަނަ ހޯދުން. ކޮންމެ ގޮތެއް ވިޔަސް މަސައްކަތް މިކުރަނީވެސް އެއްވަނަ ހޯދަން. މިތާ އުޅޭ ދެކުޅުންތެރިން ވަނީ އިންޑިއާގައި ބޭއްވުނު ސްޓޭޓް ކެރަމް މުބާރާތުންވެސް ރަނގަޅު ނަތީޖާ ތަކެއް ހޯދާފަ. މި ދެކުޅުންތެރިންނަކީވެސް ބޭރުން މިއަންނަ ކުޅުންތެރިންނާ ހަމަ އެއް ފެންވަރުގެ ކުޅުންތެރިން. އެކުޅުންތެރިންނަށް ވުރެ ވަކި މޮޅު ކުޅުންތެރިންނެއް ރާއްޖޭއިން ބޭރުގެ ޓީމަކުންވެސް ހިޔެއް ނުވޭ ފެންނާނެ ހެނެއް،" ފަރީމް ވިދާޅުވިއެވެ.

ސަން އައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކެރަމް ވޯލްޑް ކަޕު 2014" އަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމު މިހާރު ވަނީ ފުރާފައެވެ.

ކެރަމް ވޯލްޑުކަޕުގައި ރާއްޖޭގެ އިތުރުން 14 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އެ ގައުމުތަކުގެ ތެރޭގައި ކެނެޑާއާއި ފްރާންސާއި ޖަރުމަނާއި އިންޑިޔާ އާއި ދެކުނު ކޮރެޔާއާއި އިޓަލީ ހިމެނެއެވެ. އަދި ޖަޕާނާއި މެލޭޝިޔާއާއި ޕާކިސްތާނާއި ޕޮލެންޑާއި ސްރީލަންކާއާއި ސުވިޒަލެންޑާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއިން ވެސް މިމުބާރާތުގައި ވަނީ ބައިވެރިވެފައެވެ.