ގައުމީ ދާރުލް އާސާރުގައި ހުންނަ ޕޮލިސް މިއުޒިއަމް ތެރޭ ޕޮލިސް ހެރިޓޭޖު ޝޮޕެއް ހުޅުވައިފި އެވެ.

ދާރުލްއާސާރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފުލުހުންގެ ހެރިޓޭޖް ޝޮޕް ހުޅުވައި ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނާއި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

މިއަދު ހުޅުވި ޕޮލިސް ހެރިޓޭޖު ޝޮޕްގައި ފުލުހުންގެ ހިދުމަތް ފަށައިގެން އައި އިރު ބޭނުން ކުރި ތަކެތި ދައްކާލަން ބަހައްޓާފައިވެ އެވެ. އަދި ފުލުހުން ބޭނުން ކޮށްފައިވާ ޔުނިފޯމުތައް ވެސް ހެރިޓޭޖު ޝޮޕްގައި ދައްކާލަން ވަނީ ބަހައްޓައިފަ އެވެ.

ފުލުހުން ބުނީ ޕޮލިސް ހެރިޓޭޖު ޝޮޕުން ވިއްކާ ތަކެތިން ލިބޭ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ ޕޮލިސް ވެލްފެއާގެ ކަންކަމަށް ކަމަށެވެ.

މިއަދު ހުޅުވި ހެރިޓޭޖު ޝޮޕްގައި 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަން ޕާކުގައި ބޮންގޮއްވާލި ހާދިސާގެ ކްރައިމް ސީން ފެންނަ ގޮތަށް ހަދާފައިވާ ބިނާއެއް ވެސް ވެ އެވެ. އަދި ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ތަފާތު އެކި ހާދިސާތަކުގައި ނިޔާވެފައިވާ ފުލުހުންނާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީތަކެއް ވެސް ހެރިޓޭޖަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފެންނާނެ ހެން ވަނީ ބަހައްޓައިފަ އެވެ.