09 Sep 2014, 14:34
މާލޭގައި އަޅަން ފަށާފައިވާ ފްލެޓްތައް ނުނިމި ލަސްވަމުން ދަނީ މިސަރުކާރުގެ އިހުމާލުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފްލެޓް އެޅުމަށް އެމްޑީޕީ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު އެކުލަވާލައިފައިވާ އެއްބަސްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް އެކުލަވާލައިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި "އެ މަސައްކަތް ލަސްވަމުން ދަނީ މި ސަރުކާރުގެ ސަބަބުން" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ފައްޓައި އަންނަ ހަފްތާގައި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެެވެ. އަދި އިތުރު ހުއްޓުމެއް ނާންނަ ކަމުގައިވާ ނަމަ އެއްބަސްވުމުގައި ސޮއިކުރާތާ 45 ދުވަހުގެ ތެރޭގައި އެ މަަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓް އެޅުމުގެ މަސަައްކަތް މަޑުޖެހިފައި ވަނީ ޓާޓާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް އިސްލާހުތަކެއް ގެނައުމަށް އިކޮނިމިކް ކައުންސިލުން ލަފާދީފައި ވާތީ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާހުތަކާ އެކު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ގާކޮށީގައި އިމާރާތްކުރާ ފެލެޓުތަކުގެ މަސައްކަތް ނިންމަންޖެހޭ އިރު، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި ސޮއިކުރާތާ ކުރު މުއްދަތެއްގެ ތެރޭގައި އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ފްލެޓްތަކުގެ މަސައްކަތް ވެސް ފަށަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.