09 Sep 2014, 14:28
އަލިފާނުގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން ހުއްޓަސް ނުގޮވައި ހުންނަ ފަދަ ގޭސް ސިލިންޑަރެއް މޯލްޑިވް ގޭސް އިން ޓެސްޓްކޮށްފި އެވެ.
ހުޅުމާލޭ ބާބެކިއު ހަދާ ސަރަހައްދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީގައި، ނޫސްވެރިންގެ ކުރިމަތީގައި ޓެސްޓް ކުރި އެ ސިލިންޑަރު 40 ލީޓަރުގެ ތެލުގެ ތެރޭގައި އެނދި އިރު ވެސް ގޮވައި، ފަޅަ ފަޅައިގެންނެއް ނުދެ އެވެ. އޭގެ ބަދަލުގައި އެފުޅީގެ މަތީގައިވާ ވޭލުން ގޭސް ތައް ބޭރުވެ، އަނދައި ހުސްވީ އެވެ.
މޯލްޑިވްސް ގޭހުގެ މެނޭޖާ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް އާމިނަތު މުހައްމަދު ސަޢީދު ވިދާޅުވީ މޯލްޑިވްސް ގޭސް އިން އަލަށް އެތެރެކުރާ އެލްޕީޖީ ގޭސް ސިލިންޑަރަކީ އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ނުގޮވާނެ (އެކްސްލޯޑް ނުވާނެ) ސިލިންޑަރެއްކަން ޓެސްޓްތަކުން ހާމަ ވެއްޖެ ކަމަށެވެ.

"...މިއަދު ތިޔަ ފެނިވަޑައިގެންނެވީ އަޅުގަނޑުމެން އަލަށް އެތެރެކުރާ އެލްޕީޖީ ގޭސް ސިލިންޑަރް ފަޔަ އެންޑް ސޭފްޓީ ޓެސްޓިން، އެމްއެންޑީއެފް ބޭފުޅުންނާ އެކު އަޅުގަނޑުމެން ކުރިއަށް މިގެންދިޔަ ހަރަކާތް. ކާމިޔާބު ކަމާ އެކު އަޅުގަނޑުމެންނަށް މިޓެސްޓް ކުރިއަށް ގެންދެވިއްޖެ. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކަމާ އެކީ މިހަރަކާތް ނިމިގެން މިދިޔައީ. އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، އަޅުގަނޑުމެންގެ ހަމަ ހުރިހާ ހައުސްހޯލްޑްތަކަކަށް ވެސް (ގޭބިސީތަކަކަށް ވެސް) އަޅުގަނޑުމެންގެ މިޕްރޮޑަކްޓަކީ ވަރަށް ކޮލިޓީ ސޭފްޓީ ސްޓޭންޑާޑްތަކަށް ފެތޭ ޕްރޮޑަކްޓެއްކަން،" އޭނާ ވިދާޅުވި އެވެ.
ނޯވޭގައި އުފައްދާފައިވާ އެލްޕީޖީ ގޭސް ސިލިންޑަރަކީ އަލިފާނުން ފަސޭހައިން ނާނދާ ފަދަ ފައިބަރަކުން އުފައްދާފައިވާ ގޭސް ސިލިންޑަރެކެވެ. އެ ވައްތަރުގެ ސިލިންޑަރު މޯލްޑިވް ގޭސް އިން ރާއްޖެ އަށް ތައާރަފް ކުރާނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ހަފުލާއެއްގަ އެވެ.