09 Sep 2014, 14:26
މޮބައިލްފޯނު އުފައްދައި ވިއްކުމަށް ދުނިޔޭގެ އެތައްބައެއްގެ މެދުގައި މަގުބޫލު ސެމްސަންގް ކުންފުނީގެ ރީޓެއިލް ފިހާރައެއް ފުރަތަމަ ފަހަރަށް މިއަދު މާލޭގައި ހުޅުވައިފި އެވެ.
ސެމްސަންގް ކުންފުނީގެ ރާއްޖޭގެ ފުރަތަމަ ޕާޓްނާ ކަމަށްވާ "ހައިކް" ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޯކިޑުމަގުގައި ހުންނަ "ޗަމްޕާ ބިލްޑިގް 04"ގައި އެ ފިހާރަ ހުޅުއްވައި ދެއްވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އެވެ. އެ ރަސްމިއްޔާތުގައި ސެމްސަންގް ކުންފުންޏާއި ހައިކް ކުންފުނީގެ އިސްވެރިން އަދި އުރީދޫ އާއި ދިރާގު ވެސް ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ސެމްސަންގް ފަދަ ބޮޑު ކުންފުންޏެއްގެ ފިހާރައެއް ރާއްޖޭގައި ހުޅުވުމަކީ އެއީ އެމަނިކުފާނު ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސެމްސަންގްގެ އުފެއްދުންތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ސެމްސަންގް ފޯނުތައް އެކްސްޕީރިއަންސް ކޮއްލަން ލިބޭ ފިހާރަ ހުޅުވުމާ ގުޅިގެން އެ ކުންފުނީގެ ސްރީލަންކާ ބްރާންޗްގެ މެނޭޖިން ޑިރެކްޓަރު އެޗްކޭ ޗަންގް ވިދާޅުވީ ރާއްޖެއަކީ ސެމްސަންގް ކުންފުނީގެ ވަރަށް ބައިވަރު ކަސްޓަމަރުންތަކެއް ތިބި ގައުމެއް ކަމަށާއި އެ ކަސްޓަމަރުންނަށް ސެމްސަންގްގެ އެންމެ ކޮލިޓީ ރަނގަޅު އުފެއްދުންތައް ފުރިހަމަ ވޮރަންޓީއާ އެކު ފޯރުކޮށްދިނުމަކީ އެ ކުންފުނި އަބަދު ވެސް ބޭނުންވާ ގޮތް ކަމަށެވެ.
"އަޅުގަނޑު ވަރަށް ފަހުރުވެރިވޭ ރާއްޖޭގައި އަޅުގަނޑުމެންގެ ފިހާރައެއް ހުޅުވުނީމާ. ދިވެހި ރާއްޖެއަކީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަށް ފާހަގަކޮށްލެވޭ މާކެޓެއް އޮތް ގައުމެއް. އެހެންކަމުން މި ފިހާރަ އުލުވުމާ އެކު އަޅުގަނޑުމެންގެ އެންމެ ހައި ކޮލިޓީގެ ޕްރޮޑަކްޓްތައް އެތަނުން ލިބޭނެ. ސެމްސަންގުގެ އެންމެ ފަހުގެ އުފެއްދުންތައް ސެމްސަންގް ކަސްޓަމާ ސާވިސްގެ ސޮއިއާ އެކު އަޅުގަނޑުމެންގެ ސާވިސް ސެންޓަރުން ސެމްސަންގް ހުރިހާ މޮބައިލް ފޯނުތަކަށް ލިބޭނެ،" އެޗްކޭ ޗަންގް ވިދާޅުވި އެވެ.

ސެމްސަންގް ކުންފުނިން ބުނީ ހައިކް ކުންފުންނާ އެކު އެއްބަސްވެ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގުގެ ފިހާރައެއް ހުޅުވުމަކީ އެ ކުންފުނީގެ އަސްލު ކަސްޓަމަރުންގެ އަމާޒަށް ވާސިލްވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ އޮރިޖިނަލް އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި އެ ކުންފުނީގެ ސާވިސް ސެންޓަރުން ސެމްސަންގް އުފެއްދުންތަކަށް ފުރަތަމަ ފަހަރަށް ވޮރަންޓީ ސަޕޯޓް ލިބޭނެ ކަމަށެވެ.
ހައިކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ސެމްސަންގް ކުންފުނީގެ ފިހާރައެއް ރާއްޖޭގައި ހުޅުވުމަކީ އެ ކުންފުނީގެ ރާއްޖޭގެ ގިނަ ކަސްޓަމަރުންތަކެއް ވަރަށް ބޭނުންވެފައި ތިބި ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސެމްސަންގް ގެ އެންމެ އޮރިޖިނަލް އުފެއްދުންތައް ފުރިހަމަ ވޮރަންޓީއާއި ކަސްޓަމާ ސާވިސްއާއި އެކު ތަޖުރިބާކޮއްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެމްސަންގް ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ މި އަހަރު އެ ކުންފުނީގެ އެންމެ ފަހުގެ ދެ މޮބައިލްފޯނު ކަމަށްވާ "ސެމްސަންގް ގެލެކްސީ ނޯޓް4" އާއި "ސެމްސަން ގެލެކްސީ ނޯޓް އެޖް" ނެރުމަށެވެ. އެ ދެ އުފެއްދުމަށް ވެސް ދުނިޔޭގެ އެތައްބައެއްގެ ޝައުގުވެރިކަން މިހާރު ވަނީ ހުއްޓިފަ އެވެ.