އޭޝިއަން ގޭމްސްގައި މިފަހަރުގެ އަމާޒަކީ ގައުމީ ރެކޯޑްތައް އާ ކުރުން ކަމަށް ސްވިމިންގް އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވެއްޖެއެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ވިދާޅުވީ 17 ވަނަ އޭޝިއަން ގޭމްސް ގައި ރާއްޖޭގެ ފެތުންތެރިންގެ ފަރާތުން އުއްމީދުކުރަނީ މެޑައްޔަކަށް ނޫން ކަމަށާއި އަމާޒަކީ ގައުމީ ރެކޯޑު ތައް އާކުރުން ކަމަށެވެ.

"އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު ތިބި ސްޓޭންޑާޑް އަށްވުރެ މައްޗަށް ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ނެޝަނަލް ރެކޯޑްތައް އާކުރުން. ގައުމީ ރެކޯޑު ތައް އާކުރެވޭނީ އޭޝިއަން ގޭމްސް ފަދަ ބައިންލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ކުރިއެރުމެއް ހޯދައިގެން،"އިސްމާއީލް ވިދާޅުވިއެވެ.

ޗައިނާ އާއި ކޮރެއާ ފަދަ ފެތުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށް މެޑައްޔަކާ ހިސާބަށް ދިއުމަކީ އަދި އެހާ ފަސޭހަކަމެއްނޫން ކަމަށާއި ސަބަބަކީ ރާއްޖޭގައި ސްވިމިންގް ޕޫލެއް ނުތުމުން އެކަށީގެންވާ ވަރަށް ޕްރެކްޓިކްސް ނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޝިއަން ގޭމްސްގައި މެޑައްޔަކާ ހަމައަށް އަދިއެއް ނުދެވޭނެ. އެފަދަ ވަސީލަތްތަކާއި ސްވިމިންގް ޕޫލް އެއް އަދި ލިބިފައެއް ނުވޭ" އިސްމާއިލް ވިދާޅުވިއެވެ.

އޭޝިއަން ގޭމްސްގައި ރާއްޖެއިން 10 ކުޅިވަރަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ ކޮންޓިންޖެންޓް ގެ ފަރާތުން ޖުމްލަ 206 މީހުން ދެކުނު ކޮރެއާއަށް ދާނެއެވެ.

އޭޝިއަން ގޭމްސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ދެކުނު ކޮރެއާގެ އިންޗިއޯ ސިޓީގައެވެ.