09 Sep 2014, 13:22
މެލޭޝިއާގެ ކުއަލާ ލަމްޕޫރުގައި މިހާރު ކުރިއަށްގެންދާ ހަތް ވަނަ "ވޯލްޑް ސަމިޓް އޮން މީޑިއާ ފޯ ޗިލްޑްރެން"ގައި ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ ހަތަރު މެމްބަރުން ބައިވެރިވެއްޖެ އެވެ.
އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމު ކުރި އެ ސަމިޓުގައި ބައިވެރިވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބު ރައީސް އަބްދުﷲ ސުޖާއުގެ އިތުރުން ކޮމިޝަނުގެ މެންބަރުން ކަމުގައިވާ މަރިޔަމް ޝައުގީ އާއި މޫމިނާ އާދަމް އެވެ.
އެ ސަމިޓަކީ އެކި ގައުމުތަކުގެ ރެގިއުލޭޓަރުންނަށް ވުރެ ބޮޑަށް ބްރޯޑްކާސްޓަރުންނަށް، ހާއްސަކޮށް ކުޑަކުދިންނާ ގުޅޭ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަ ސަމިޓެކެވެ. ކޮމިޝަނަށް ލިބުނު އެ ފުރުސަތުގައި ބްރޯޑްކާސްޓިން އިންޑަސްޓްރީގެ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވީ ކީއްވެގެންތޯ ދެންނެވުމުން އެ ކޮމިޝަންގެ ޕަބްލިކް ރިލޭޝަން ކޯޑިނޭޓާ އީމާން އަންވަރު ވިދާޅުވީ އެ ސަމިޓްގައި ބައިވެރިވުމުގެ ދައުވަތު ލިބުނީ ކޮމިޝަންގެ މެމްބަރުންނަށް ކަމަށްވުމުން ރާއްޖޭގެ ބްރޮޑްކާސްޓަރުންނަށް ފުރުސަތު ނުދެވުނީ އެހެންވެ ކަމަށެވެ.
އީމާން ވިދާޅުވީ އެ ސަމިޓްގައި ބައިވެރިވުމަށް އެ ކޮމިޝަންގެ މެމްބަރުން ވަޑައިގަތީ އެ މެމްބަރުންގެ އަމިއްލަ ހަރަދުގަޔާއި އެ ސަމިޓް އިންތިޒާމު ކުރާ ފަރާތްތަކުގެ ހަރަދުގައި ކަމަށެވެ.
އެ ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ސަމިޓްގެ މަގްސަދަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ފޮނުވާ ކޮންޓެންޓްގެ ފެންވަރު ދެނެގަތުމަށާއި ގުޅިލާމެހިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީ އަދި މީޑިއާގެ މާހައުލެއްގައި ތައުލީމުގެ ރޯލް ކޮލިޓީ ކޮނެޓެންޓްގެ އަލީގައި ދެނެގަތުން ކަމަށެވެ. މީގެ އިތުރުން ކޮލިޓީ ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ފަންޑް ހޯދާނެ ގޮތާއި ޓެކްނޮލޮޖީގެ ބޭނުން ކުޑަކުދިން ހިފާ މިންވަރު ދެނެގަތުމާއި ކުޑަކުދިންނާއި މީޑިއާ މި މައުލޫ މައްޗަށް އަލިއަޅުވާލާ ސަމިޓެއް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
ބްރޮޑްކާސްޓިން ކޮމިޝަން އިން މިއަދު ބުނީ މެލޭޝިއާގެ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި ދިވެހި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން މެލޭޝިއާގެ ކޮމިއުނިކޭޝަނާ ބެހޭ ވަޒީރު ދާތޯ އަހުމަދު ޝަބްރީ ޗީކް ދެއްވައިވާ ކަމަށެވެ.
މި އަހަރު ކުރީ ކޮޅު ސައުދީ އެރެބިޔާގައި އޮތް އޭޝިޔާ ޕެސިފިކް އިންސިޓިއުޓް އޮފް ބްރޯޑްކާސްޓިން ޑިވޮލަޕްމަންޓް (އޭއައިބީޑީ)ފޯރަމުގައި ވެސް ކޮމިޝަންގެ ހަތަރު މެންބަރަކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު ހައްޖުގެ އަޅުކަން ކަވަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ދެތިން ނޫސްވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮމިޝަނުން ފަހުން ބުނެފައި ވަނީ އެކަން ހަމަނުޖެހުނު ކަމަށެވެ.