14:30


އުމުރުން ފަސް މަހުގެ ތުއްތު އަންހެން ކުއްޖެއް ނިދާފައި އޮއްވާ އޭނާގެ އިސްފިޔަތައް ކޮށައިލައި، އެކުއްޖާގެ އާއިލާއަށް ތަފާތު ގޯނާތައް އދ. މަހިބަދޫގައި ބަޔަކު ކުރި މައްސަލަ އެއް އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުން ބަލަން ފަށައިފި އެވެ.


އއ. މާޅޮހަށް އުފަން އުމުރުން 31 އަހަރުގެ އާސިމާ ހަސަން، ހަތަރު އަހަރު މަހިބަދޫގައި ދިރިއުޅުމަށްފަހު އެރަށުގެ ބަޔަކު އޭނާގެ އާއިލާ އަށް ކުރަމުންދިޔަ ގޯނާތަކަށް ކެތް ނުކުރެވިގެން ތިން ކުދިންނާ ބޮޑު ބޭބެއެއްގެ ދަރިފުޅު ގޮވައިގެން އެރަށުން ފައިބައިގެން ދާން ޖެހުނު ގޮތް ކިޔައިދެމުން ބުނީ، މިކަންތައްތައް ހިންގަން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމީހުން މަހިމަދޫގައި ދިރުއުޅެމުން ދަނިކޮށް ކަމަށާއި އޭގެ ކުރިން އެފަދަ އެއްވެސް މައްސަލައެއް އެރަށުގައި ހަތަރު އަހަރު އުޅުނު އިރުވެސް ދިމާވެފައި ނުވާ ކަމަށެވެ.


އާސިމާ ބުނިގޮތުގައި އެންމެ ފުރަތަމަ އެފަދަ ކަމެއް ހިނގާކަން އެނގުނީ އެއް ދުވަހަކު ގޭން ބޭރަށް ގޮސް އައިއިރު އުމުރުން ފަސް މަހުގެ ތުއްތު އަންހެން ކުއްޖާގެ ނޭޕީ ބޮޑިން ފާހަގަކުރެވޭ ވަރަށް ނެޕީ މަދުވުމުންނެވެ. އޭގެފަހުން އޭނާގެ ދެ ދަރިންނާ ބޭބެގެ ދަރިފުޅުގެ ސްކޫލަށްދާ ޔުނީފޯމްގެ ތަންތަން ގަނޑުން ކަފާލާފައި ހުއްޓާ ފެނިފައިވެ އެވެ.


އާސިމާ ބުނީ ކުދިންގެ އެކިއެކި އެއްޗެއްށަށް އެކި ދުވަސް މަތިން ގެއްލުންދީފައި ހުންނަ ކަމަށާއި ނަމަވެސް އެކަންތައްތައް މާބޮޑު ކަމެއް ކަމަށް ނަހަދާ އޭނާ ހުރީ ކަމަށެވެ. އެހެން ހުއްޓާ މިދިޔަ އަންގާރަ ދުވަހު އާސިމާ އޭނާގެ އުމުރުން ފަސް މަހުގެ ތުއްތު ދަރިފުޅު ނިންދަވާފައި، އުމުރުން 13 އަހަރުގެ އޭނާގެ ބޭބެގެ ދަރިފުޅާ ބަލަން ހަވާލުކޮށްފައި ދިޔައީ ފިހާރައަކަށް ކަމަށް އޭނާ ބުންޏެވެ. އަދި މާގިނައިރުތަކެއް ނުވެ ފިހާރައިގެން އެނބުރި ގެއަށްދިޔައިރު، މާދުރުން ދަރިފުޅު ރޯއަޑު އިވޭ ކަމަށާއި އެވަގުތު ވަރަށް ބާރަށް ހިނގާފައި ގޮސް ގެއަށް ވަންއިރު ބޭބެގެ ދަރިފުޅު އުރައިގެން އިން އޭނާގެ ތުއްތު ދަރިފުޅުގެ މޫނުމަތީގައި ހުރި ކުދިކުދި އިސްތަށިތަކެއް ހުރި ތަން ފެނުމުން، އެއްވެސް ބާވަތެއްގެ ތޫނުއެއްޗެއް ގެންގުޅުނިންތޯ އެއަންހެން ކުއްޖާ ކައިރީ ސުވާލުކުރި ކަމަށް އާސިމާ ބުންޏެވެ. ނަމަވެސް އޭނާ އެފަދަ އެއްވެސް އެއްޗެއް ނުގެންގުޅޭ ކަމަށާއި އޭނާވެސް ކޮއްކޮ ނެގީ ރޯތީ ކަމަށް އެކުއްޖާ ބުނި އާސިމާ ބުންޏެވެ. އާސިމާ ބުނީ އެފަދަ ކަމެއް ކޮށްފާނެ ކަމާމެދު އެރަށުގެ އެއްވެސް ބަޔަކާމެދު ޝައްކުވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް އެރަށުގައި އެކުދިންނަށް ސްކޫލްގައާ މަގުމަތިން ވެސް ބައެއް ފަހަރު އެކިކަހަލަ އިންޒާރުތައްދީ ރަށުން ފޮނުވާލެ ކަމަށް ބައެއް މީހުން ބުނާ ކަމަށް އެކުދިން ބުނެފައިވާ ކަމަށް ބުނެ، އެ ކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް އަސަރާއެކު އާސިމާ ކިޔަދިނެވެ.


މިމައްސަލައާ ގުޅިގެން މަހިމަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްރަން ސާވިސް ސެންޓަރ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އައިމިނަތު ނިޝްރީން މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް އެ ސެންޓަރަށް ހުށަހެޅިގެން ބަލަމުން އަންނަ ކަމަށެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް މަހިމަދޫން ޕޮލިސް ސްޓޭޝަނަށް ހުށަހެޅިގެން އެމައްސަލަ ތަހްޤީޤްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.