ވޯލްޑް ކަޕުން ލިބުން ހިތްދަތިކަން ހަނދާނުން ފޮހެލުމަށް ފަހު، ޔޫރޯ ކޮލިފައިންގައި މެސެޑޯނިއާ އަތުން 5-1 ލަނޑުން ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން މޮޅުވެއްޖެ އެވެ.

ބްރެޒިލް 2041ގެ ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ހިތި ހަނދާންތަކަށް ފަހު ސްޕެއިން ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި އެޓީމުން ވަނީ ފުރިހަމަ ކުޅުމެއް ދައްކާފައެވެ.

ސްޕެއިންއަށް މެޗުގެ 15 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސާޖިއޯ ރާމޯސް އެވެ. ރާމޯސް ލަނޑު ޖެހިތާ ދެ މިނިޓް ފަހުން ސްޕެއިން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ފުޅާ ކޮށްފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ ފްރެންސިސްކޯ އަލްސެސާއެވެ.

ވިސެންޓޭ ޑެލް ބޮސްކޭގެ ޓީމުގައި ކުރިން ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ، ޒަވީ ހެނާންޑޭޒް، ޒަބީ އޮލޮންސޯ، ޑޭވިޑް ވިޔާ ފަދަ މަޝްހޫރު ކުޅުންތެރިންތަކެއްގެ ރިޓަޔަމަންޓަށްފަހު، ސްޕެއިން ކުޅުނު ވާދަވެރިކަމުގެ މި މެޗުގައި، އެޓީމަށް ކުޅޭ މެންޗެސްޓާ ސިޓީގެ ޕްލޭމޭކަރު ޑޭވިޑް ސިލްވާ ވަނީ، ތަފާތު މޮޅު ކުޅުމެއް ދައްކައިދީފައެވެ. އެގޮތުން ސްޕެއިން ރޭ ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރުމުގައި ސިލްވާ ވަނީ އެހީތެރިވެދީފައެވެ.

މެޗުގެ ކުރީ ކޮޅުގައި ސްޕެއިން ޓީމުން ދެލަނޑުގެ ލީޑެއް ނެގުމުން ޑޮސްކޯ ޑޫރޮވްސްކީގެ ކުޅުންތެރިން މާޔޫސްވެ ފަހަތަށް ޖެހޭނޭ ކަމަށް ބެލެވުނު ނަމަވެސް އެޓީމުން ވަނީ، އިތުރު ހިތްވަރަކާއެކު ކުރިއަށް ޖެހި ސްޕެއިން ޓީމަށް ޕްރެޝަރު ކުރުވާފައެވެ. އެގޮތުން އެޓީމުން 2-1 އަށް ލީޑު ހަނިކުރީ، ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖުއާންފްރަންސް، މެސެޑޯނިއާގެ އެލެކްސެންޑާ ޓްރަޖްކޮވްސްކީއަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މެސެޑޯނިއާއަށް ލިބުނު އެޕެނަލްޓީ ކާމިޔާބުކޮށްދިނީ މެޗުގެ 28 ވަނަ މިނިޓުގައި އަގިމް އިބްރާހިމީ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެމުން ދަނިކޮށް ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ސާޖިއޯ ބުސްކޭޓްސް އެވެ. ފުރަތަމަ ހާފު ނިމުނީ ސްޕެއިންއަށް ދެ ލަނޑުގެ ލީޑަކާ އެކުއެވެ.

ދެވަނަ ހާފުގެ ކުޅުނު ފެށުނުތާ ފަސްވަނަ މިނިޓްގައި ސްޕެއިން ވަނީ ހަތަރުވަނަ ގޯލު ޖަހާފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި އެލަނޑު ކާމިޔާބުކޮށްދިނީ ސިލްވާއެވެ. ސްޕެއިންގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ފޯވާޑު ޕެޑްރޯ އެވެ.

މިއީ ޔޫރޯ ކޮލިފައިންގައި 2006 އަހަރުން ފެށިގެން ބަލި ނުވެ ހިފަހައްޓަމުން އައި ސްޕެއިންގެ ކޮލިފައިންގައި މޮޅުވުމުގެ ރެކޯޑަށް އިތުރުވި ބޮޅެކެވެ.