ރާއްޖޭގެ އިގްތިސާދު އާ ހަރުފަތްތަކަކަށް ގެންދިއުމަށް ސަރުކާރުން ފެއްޓި އެންމެ ބޮޑު އަދި ބިޔަ މަޝްރޫއަކީ ރާއްޖެ ސަރަހައްދުތަކަށް ބަހާލައިގެން "ސްޕެޝަލްސް އިކޮނަމިކް ޒޯންގެ ގާނޫނު"ގެ ނަމުގައި ޒޯންތަކެއް ކަނޑަޅައި އަދި ގާނޫނެއް ފާސްކޮށް އެ އަށް އަމަލުކުރަން ފެއްޓުމެވެ. އަދި އެ ގާނޫނުގެ މަގުސަދަކީ ރާއްޖޭގެ ސިނާއީ އިގްތިސާދީ އިޖްތިމާއީ މާލީ އަދި އުމްރާނީ ތަރައްގީ އިތުރު ހަރުފަތްތަކަކަށް ގެންދިއުމެވެ. ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރު ކުރުމާއި އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ގާނޫނުގެ މަގުސަދެކެވެ. ހަމަ އެހެންމެ އިލްމާއި ހުނަރާއި ޓެކްނޮލެޖީ ރާއްޖެ އަށް ނަގުލު ކުރުމާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި ފުޅާކުރުމަށް ވެސް އެ ގާނޫނާ އެކު އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް ތަޖުރިބާކާރުންދެކެ އެވެ.

އެ މަގުސަދުތައް ހާސިލް ކުރުމަށް ޓަކައި "ސްޕެޝަލް އިކޮނަމިކް ޒޯންގެ ގާނޫނުގެ" ދަށުން އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ނުވަތަ އިގްތިސާދީ ހާއްސަ ޒޯންތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމަށް ރޭވިފައިވެ އެވެ. އަދި އެ ގާނޫނުގެ ދަށުން ކަނޑައެޅޭ ސަރަހައްދުތަކުގައި ހަތް ބާވަތެއްގެ އިގްތިސާދީ ޒޯންތަކެއް ގާއިމު ކުރުމަށް ވެސް ރޭވިފައިވެ އެވެ.

އެސްއީޒެޑްގެ ގާނުނުގެ ދަށުން އުފައްދާ ޒޯންތަކުގެ ތެރޭގައި އިންޑަސްޓްރިއަލް އެސްޓޭޓް، އެކްސްޕޯޓް ޕްރޮސެސިން ޒޯން، ފްރީ ޓްރޭޑް ޒޯން، އެންޓަޕްރައިސް ޒޯން، ފްރީ ޕޯޓް، ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިން ޒޯން، އަދި އެފްޝޯފައިނޭންޝަލް ސާވިސަސް، ހިދުމަތްދޭ ޒޯންތައް ގާއިމުކުރުން ހިމެނެ އެވެ.

"އިންޑަސްޓްރިއަލް އެސްޓޭޓް"ޒޯން އަކީ އެއް މެނޭޖްމެންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ހިމެނޭ ބިން ބައިކޮށް އެކި ބައިތަކުގައި އެކި ވައްތަރުގެ އުމްރާނީ އަދި އާންމު ހިދުމަތުގެ ބޭނުންތައް ހާސިލުކުރެވޭ ގޮތަށް ޑިޒައިން ކުރެވޭ ޒޯންއެކެވެ. އަދި އެ ޒޯންގައި އިންވެސްޓްކުރާ ހުރިހާ ފަރާތްތަކަށް އެކުގައި ބޭނުންކުރެވޭ ގޮތަށް އަދި އެކުގައި ހިއްސާކުރެވޭ ގޮތަށް އަދި އެ ތަންތަނުން އެ މީހުންނަށް އެކުގައި ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް މައިގަނޑު ވަސީލަތްތައް ގާއިމްކޮށްފައިވާ ސަރަހައްދުތަކެވެ.

"އެކްސްޕޯޓް ޕްރޮސެސިން ޒޯން"އަކީ ރާއްޖޭގައި އުފެދޭ ތަކެތި ނުވަތަ ރާއްޖެ އަށް އެތެރެކުރެވޭ ތަކެތި ބޭނުންކޮށްގެން އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށް އަމާޒްކޮށްގެން އިންތިޒާމުކުރާ ޒޯންތަކެވެ. އަދި އެތަންތަނުން ލިބެން ހުންނަ ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކޮށްގެން މުދާ އުފައްދާ އެކްސްޕޯޓް ކުރުމަށް ފަސޭހަވާނެ ގޮތަށް އިންތިޒާމް ކުރެވިގެންވާ ސަރަޖައްދުތަކެވެ.

އިގްތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި އުފައްދާ އަނެއް ޒޯނަކީ ގާނޫނު ބުނާ ގޮތުން، "ފްރީ ޓްރޭޑް ޒޯން" އެވެ. އެ ޒޯނަކީ އެކްސްޕޯޓް ކުރުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އަދި އެ ސަރަހައްދަށް އެތެރެކުރާ މުދާ އެ ސަރަހައްދަށް އެތެރެކުރުމަށް ފަހު އެ މުދާ ޓްރާންޝިޕްކުރުމަށް އެފެދިގެންދާ ޒޯންތަކެވެ. ހަމަ އެހެންމެ އެ ޒޯންގައި މުދާ ރައްކާކޮށްފައި ބެހެއްޓުމަށް ނުވަތަ ގުދަން ކުރުމަށް ނުވަތަ ރީޕެކްކުރުމަށް ނުވަތަ މުދަލެއްގެ ވެލިޔުއެޑްކުރުމަށް ހާއްސަ ކުރެވިގެންވާ މަސައްކަތްތައްކުރާ ޒޯންތަކެވެ. އަދި ހަމައެހެންމެ އެ ޒޯންގައި ވަކިން ބެލެހެއްޓޭ ގޮތަށް އިން ވަކިކުރެވިފައިވާ އަދި ވައިގެ ބަނދަރެއް ނުވަތަ ކަނޑުގެ ބަނދަރަކާ އިންވެގެންވާ ގޮތަށް ގާއިމް ކުރެވޭ ސަރަހައްދެކެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ގާއިމް ކުރެވޭ އަނެއް ޒޯނަކީ "އެންޓަޕްރައިސް ޒޯން" އެވެ. އެގޮތުން އެ ޒޯން ތަރައްގީ ކުރުމަށް ޓަކައި އެކަމަށް ޓަކައި ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅަން ޖެހެ އެވެ. އެގޮތުން އެސްއީޒެޑްގެ ގާނޫނު ބުނާ ގޮތުން އެ ސަރަހައްދު އުފެއްދުމުގެ ބޭނުމަކަށް ވާންޖެހޭނީ އެ ސަރަހައްދުގައި ވަކި ބާވަތެއްގެ ވިޔަފާރިއެއް ނުވަތަ އުފެއްދުންތަކެއް، ކުރިއެރުވުމެވެ. އަދި އެ ސަރަހައްދު ތަރައްގީ ކުރަންޖެހޭނީ އެ ސަރަހައްދުގައި ގާއިމްކޮށް ހިންގާ ވިޔަފާރިތަކަށް ޓެކުހާ ގުޅޭ އިނާޔަތްތަކެއް ދީގެން ނުވަތަ މާލީ އިނާޔަތެއް ދީގެން ނުވަތަ އެނޫން ވެސް ހާއްސަ އިނާޔަތްތަކެއް ދީގެންނެވެ.

އިގްތިސާދީ ހާއްސަ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ ދަށުން އެފެދިގެންދާނެ އަނެއް ޒޯނަކީ ފަތުރުވެރިކަމުގެ ވަސީލަތްތަކާއި ހިދުމަތްތަކާއި ރީޓެއިލް ވިޔަފާރީގެ ވަސީލަތްތައް ގާއިމް ކުރެވިގެންދާނެ ޒޯނެވެ. އެ ޒޯނަށް ކިޔާނީ "ފްރީ ޕޯޓް" އެވެ. އެގޮތުން އެ ޒޯންގައި ރީޓެއިލް ވިޔަފާރީގެ ވަސީލަތްތަކާއި ހިދުމަތްތަކާއި ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް އެ ޒޯންގައި ގާއިމް ކުރަން ޖެހޭނެ އެވެ. އަދި ޒޯން ތަރައްގީ ކުރާ އިންވެސްޓަރަށް ނުވަތަ ޑިވިލޮޕަރަށް ހާއްސަ އިނާޔަތްތަކެއް ގާނޫނުގެ ދަށުން ލިބިގެންދާނެ ކަމަށް ގާނޫނު ބުނެ އެވެ.

ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި އިގްތިސާދީ ހާއްސަ ސަރަހައްދުތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ކުރިއެރުވުމަށް ބޭނުންވާ ވަކި ސިނާޢަތެއް ނުވަތަ ވިޔަފާރިއެއް ފާހަގަކޮށް ޒޯންއެއް އެސްއީޒެޑް ގާނޫނުގެ ދަށުން އުފެދިގެންދާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ. އެ ޒޯނަށް ކިޔާނީ "ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިން ޒޯން" އެވެ. އެގޮތުން އެ ޒޯންގައި ކުރިއަރުވާ ސިނާޢަތް ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތަކަށް އިނާޔަތްދީގެން އެ ސިނާޢަތް ނުވަތަ ވިޔަފާރީގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް އަމާޒްކޮށް އެ ޒޯން ތަރައްގީކޮށް ކުރިއެރުނުމުގެ ފުރުސަތު އިންވެސްޓަރަށް ނުވަތަ ޑިވޮލޮޕަރަށް ދެވިގެންދާނެ އެވެ.

އެސްއީޒެޑްގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ގާއިމް ކުރެވޭ އިގްތިސާދީ ހާއްސަ ސަރަހައްދުތައް ނުވަތަ އިގްތިސާދީ ޒޯންތަކުގެ އަދަދު ކަނޑައަޅާނީ އެސްއީޒެޑްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރީއްޔާ އުފައްދާ ބޯޑަކުންނެވެ. އެ ބޯޑް މިހާރު ވަނީ އުފައްދަވައިފަ އެވެ. ދެން އޮތީ އެ ޒޯންތައް އުފެދި އެކަމުގެ މަންފާ ރައްޔިތުންނަށް ކުރާތަން ފެނުމެވެ. ބަލަން ތިބެމާބަހީ އެވެ.