ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލިކަމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުރިހާ ފަރާތަކުން ވެސް ވާހަކަދައްކައި ނިމުމާއެކު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ހަމީދު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ގިނަ ދުވަސް ތަކަކަށްފަހު ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދަށު ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ހިނގިގޮތާއި އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން ނަބީލުގެ ވަކީލުގެ އިތުރުން ދައުލަތާ ވެސް ސުވާލުކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ މުއްދަތު މަޖިލީހުގައި ވާ އިއުތިރާފުވުމަކީ ސައްޚަ އިއުތިރާފެއްތޯ ނުވަތަ ނޫންތޯ އެއީ އެއްވެސް ގާނޫނެއްގައި ލިޔެވިފައިވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ހުކުމް ކުރާއިރު އެކަމަށް ގޮތެއް ކަނޑައަޅައި ދިނުމަށް ޕީޖީ އެދިވަޑައިގަތެވެ.

ކަޓަރުތިލައަކުން ހަމަލާދީ ފަރުހާދު މަރާލާފައި ވަނީ 2009 ވަނަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެރޭ ފަރުހަދު މަޖީދީމަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ނަބީލް އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭނާ ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށްފަހު އޭނާއާ މެދު މާރާމާރީ ހިންގި ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ ޔޫއެން ޕާކަށް ވެއްދުމަށްފަހު ނަބީލުގެ އަންހެން ކޮއްކޮއާ ފަރުހަދު ބެހުނުތޯ ސުވާލުކުރުމުން އޭނާ ނުބެހޭ ކަމަށް ބުނުމުން އަތުންނާއި ފައިން ތަޅައި އެ އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށެވެ. އެވަގުތު އެމީހުންގެ ކިބައިން ސަލާމަތްވާންވެގެން ފަރުހާދު ދުވެފައި ދަނިކޮށް ނަބީލު އެއްލާލި ކަޓަރުތިލައެއް ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވާ ކަމަށާއި އޭނާ މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.