09 Sep 2014, 11:37
ފަސް ވަނަ ދައުރަކަށް ފީފާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވަން މިހާރުގެ ރައީސް ސެޕް ބްލެޓާ ނިންމަވަފައިފި އެވެ.
މެންޗެސްޓާގައި އޮތް ކޮންފެރެންސް އެއްގައި ވާހަކަދައްކަމުން ބްލެޓާ ވިދާޅުވީ، އެހެން ދައުރަކަށް ކުރިމަތިނުލައްވަން ކުރިން ނިންމެވިކަމަށާއި އެކަމަކު މިހާރު ހުންނެވީ ފުޓްބޯޅަ އާއިލާއަށް ހިދުމަތްކޮށް އަދި ހާސިލްކުރައްވަން ބޭނުންވެފައި ހުންނެވި ލަނޑުދަޑިތައް ކާމިޔާބު ކުރައްވަން ތައްޔާރަށް ކަމަށެވެ.
ކޮންގްރެސް ގައި 78 އަހަރުގެ ބްލެޓާ އާ ވާދަކުރާނެ ކަމަށް ކުރިން ވިދާޅުވި ޔުއެފާގެ ރައީސް މިޝޭލް ޕްލަޓިނީ އަންނަ އަހަރުގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަނުކުރައްވާނެކަން މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އިއުލާން ކުރައްވާފައެވެ.
މި މަހުގެ 25 އަދި 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި މިކަން ރަސްމީ ގޮތެއްގައި އިއުލާން ކުރައްވާނެ ކަމަށް ބްލެޓާ ވަނީ ވިދާޅުވެފައެވެ.