ފުޓްބޯޅަ މެޗުތަކުގައި ރެފްރީންގެ ބައެއް ނިންމުންތަކަށް "ޗެލެންޖު" ކުރުމުގެ ފުރުސަތު ކޯޗުންނަށް ލިބިދޭ ނިޒާމެއް "ޗެލެންޖް ކޯލްސް"ގެ ނަމުގައި ތައާރަފްކުރަން ބޭނުންވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ބްލެޓާ އިޝާރާތް ކުރައްވާ ސިސްޓަމަކީ، ކްރިކެޓާއި ޓެނިސް ފަދަ ކުޅިވަރުތަކުގައި ބޭނުންކުރާ ޒާތުގެ ޓެކްނޯލޮޖީއެކެވެ.

ބްރެޒިލްގައި މިއަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައާއި، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ކާމިޔާބު ކަމާއެކު "ގޯލް ލައިން ޓެކްނޯލޮޖީ" ބޭނުންކޮށްފައިވާއިރު، ބްލެޓާ މިހާރު ބޭނުންފުޅުވަނީ، މެޗު ތެރޭގައި ކޮންމެ ހާފެއްގައި އެކެއް ނުވަތަ ދެފަހަރު، ރެފްރީންގެ ބައެއް ނިންމުންތަކާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތު، ކޯޗުން ނުވަތަ ޓީމު ތަކުގެ މެނޭޖަރުންނަށް ހޯދައިދިނުމެވެ.

ވޯލްޑް ކަޕްގައި އާންމުކުރި، ވެނިޝިން ސްޕްރޭ ޓެކްނޮލޮޖީ ވެސް ކާމިޔާބު ކަމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހެން މިހާރު ބޭނުން ކުރެވެމުން އަންނައިރު، ރެފްރީންގެ ނިންމުންތަކަށް ޗެލެންޖު ކުރުމުގެ ފުރުސަތު ކޯޗުންނަށް ފޯރުކޮށްދޭނީ، "ޓީވީ ރިޕްލޭ" ބަލައިގެންނެވެ.

"ބައިނަލްއަގްވާމީ ފުޓްބޯޅައިގެ އިދާރާއަށް އެންމެ އަވަހަށް އަހަރެން ހުށަހަޅަން ގަސްދުކުރާ ކަމަކީ ޓީމުތަކުގެ ކޯޗުންނާއި މެނޭޖަރުންނަށް، ކުޅެވެމުންދާ މެޗެއްގެ ކޮންމެ ހާފެއްގައި އެކެއް ނުވަތަ ދެފަހަރު، ރެފްރީގެ ނިންމުންތަކަށް ޗެލެންޖު ކުރުމުގެ ފުރުސަތު ދިނުން. އެކަމަކު އެކަން ކުރެވޭނީ މެޗު ހުއްޓިފައި އޮންނަ ވަގުތުގައި،" އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި ހުންނަވައިގެން، 2014 ވަނަ އަހަރުގެ ސޮކަރެކްސް ކޮންވެންޝަންގައި ދެއްވި ވީޑިއޯ މެސެޖެއްގައި ބްލެޓާ ވިދާޅުވި އެވެ.

"ޓީވީ ކުންފުންޏަކުން ފޯރުކޮށްދޭ ޓީވީ މޮނިޓަރެއް ހުންނަން ޖެހޭނެ. ދެން ކޯޗާއި ރެފްރީ، އެ ހާދިސާއެއްގެ ރިޕްލޭ ބެލުމަށްފަހު، ޓެނިހުގައި ހަދާގޮތަށް ރެފްރީއަށް އެފަދަ ހާލަތެއްގައި އޭނާގެ ނިންމުން ބަދަލު ކުރެވިދާނެ."

"ރެފްރީ އެ ހާދިސާއަށް ބެލުމަށްފަހު، އޭނާއަށް ގޯސްކޮށް ނިންމުމެއް ނިންމިފައި ވާނަމަ، އެ ނިންމުން ބަދަލުކުރާން ޖެހޭނެ."

ބްލެޓާ ވިދާޅުވީ، އޭނާގެ އެ ހިޔާލު ފުޅާދާއިރާއެއްގައި ފެތުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި އެކަން ތަޖްރިބާ ކުރުމަށްޓަކައި، ސެމީ ޕްރޮފެޝަނަލް ނުވަތަ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

"އެކަމަކު މި ސިސްޓަމް ބޭނުންކުރެވޭނީ، ހަމަ އެކަނި، ހުރިހާ މެޗުތަކެއްގެ ލައިވް ޓީވީ ކަވަރޭޖް ހަދާ މުބާރާތްތަކުގައި، އެނޫނީ، ފީފާގެ މުބާރާތްތަކުގައި. އަންނަ އަހަރު ނިއުޒިލެންޑުގައި ބާއްވާ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި އަހަރެމެންނަށް 'ޗެލެންޖް ކޯލްސް' ޓެސްޓު ކުރެވިދާނެ،" ފީފާގެ ރައީސް ބްލެޓާ ވިދާޅުވި އެވެ.