09 Sep 2014, 10:50
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްްބަރު ކަމަށް ފަސް ބޭފުޅުން އައްޔަން ކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ރައީސް މިއަދު އައްޔަންް ކުރެއްވި ފަސް ބޭފުޅުންނަކީ ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އާއި ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދާއި ގދ. ވާދޫ ސަދަންވިލާ ޞަފްވަތު މުޙަންމަދުގެ އިތުރުން ނިމިދިޔަ ދައުރުގައި އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމާ އެކު ރައީސް ވަނީ އެ ފަސް ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ އެ ފަސް ބޭފުޅުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދީފައެވެ.
އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ ކުރީގެ ތިން މެމްބަރުން ކަމަށްވާ މުޙަންމަދު ޝަފީޢު އާއި ޢަބްދުﷲ ޙިލްމީ އާއި ޚަދީޖާ ރަޝީދު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އެބޭފުޅުންގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ.