09 Sep 2014, 10:47
ޕާޓީތަކުގެ ގަވާއިދާހިލާފަށް ޕާޓީ އަށް މެންބަރުން ވެއްދުމަށް މެންބާޝިޕް ފޯމް ހުށަހެޅި މައްސަލައަކާ ގުޅިގެން ޖުމްހޫރީ ޕާޓީ ނުވަ ވަނަ ފަހަރަށް ޖޫރިމަނާކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ޕާޓީގެ މެންބާޝިޕް ފޯމް ހުށަހެޅި މައްސަލާގައި ޖޭޕީ ޖޫރިމަނާ ކޮށްފައި ވަނީ 10،000 ރުފިޔާ އިންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް ޓަކައި އެ ކޮމިޝަނަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 258 ފޯމުގައި ތަފާތު 36 ފަރާތެއްގެ އިނގިލީގެ ނިޝާން ތަކުރާރުކޮށް ޖަހައި ހުށަހަޅާފައިވާ ކަމަށެވެ.
"ސިޔާސީ ޕާޓީގެ ގާނޫނުގެ 48 ވަނަ މާއްދާގެ ހ. އާ ހިލާފްވެ ޖުމްހޫރީ ޕާޓީ އިން ޕާޓީ އަށް ވެއްދުމަށް އެދޭ 258 ފޯމްގައި ތަފާތު 36 ފަރާތެއްގެ އިނގިލީގެ ނިޝާން ތަކުރާރުކޮށް ޖަހައި ހުށަހަޅާފައި ވާތީ އަދި މިއީ އެ ޕާޓީން މިފަދަ ކަމެއް ކުރި ނުވަ ވަނަ ފަހަރު ކަމުގައި ވާތީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ގާނޫނުގެ 48 ވަނަ މާއްދާގެ ހ.ގެ ދަށުން 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފީމެވެ،" އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ ޕާޓީއެއްގެ މެންބަރު ކަަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ އެކަންކުރި ފަރާތެއް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.