މޮސްކޯ (ސެޕްޓެމްބަރ 9) : ޔުކްރޭންގެ މައްސަލާގައި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އެންމެފަހުން އިޢްލާންކުރި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފި ނަމަ އެއިއްތިޙާދުގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ އެއަރލައިންތަކުގެ މަތިންދާބޯޓުތައް ރަޝިޔާގެ ވައިގެ ސަރަހައްދުން އުދުހުން މަނާކުރާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި އެވެ.

މިއިންޒާރު ދެއްވަމުން ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ އެގައުމާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދުނުދީ ރަޝިޔާ ވަރަށް ބޮޑަށް ކެތްކޮށްފައިވާނެ ކަމަށާއި ނަމަވެސް ދެން މިފިޔަވަޅުތަކަށް ރައްދު ނުދީ ނޯންނާނެ ކަމުގަ އެވެ. ޔުކްރޭންގެ މައްސަލާގައި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އެންމެ ފަހުން އިޢްލާންކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލީ މުޢާމަލާތްތަކާ ބެހޭ ފިޔަވަޅުތަކާއި ރަޝިޔާގެ ހަކަތައިގެ ސެކްޓަރަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތައް ހިމެނެ އެވެ. މިފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފި ނަމަ ރަޝިޔާގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށް ރަޝިޔާ ވެސް އެއްބަސްވެ އެވެ. ނަމަވެސް ދިގު މުއްދަތަކުން މިފިޔަވަޅުތަކުގެ ބާރު ކަނޑުވާލުމުގެ ގާބިލްކަން ރަޝިޔާ އަށް ލިބިގެންދާނެ ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް މިހާރު އެއްބަސްވެފައިވާ އެއްބަސްވުން އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ އަމަލުތަކުގެ ސަބަބުން ރޫޅިއްޖެ ނަމަ ވަގުތުން ރަޝިޔާއާ ދެކޮޅަށް މިފިޔަވަޅުތައް ތަންފީޒުކުރަން ފަށާނެ ކަމަށް ޔޫރަޕްގެ އިއްތިޙާދުން ބުނެ އެވެ. މިފިޔަވަޅުތަކަށް ބަދަލުހިފުމުގެ ގޮތުން ވިލާތުގެ ގައުމުތަކުގެ އެއަރލައިންތަކުގެ މަތިންދާބޯޓުތައް ރަޝިޔާގެ ވައިގެ ސަރަހައްދުން އުދުހުން މަނާކޮށްފި ނަމަ ޔޫރަޕްގެ ގިނަ ގައުމުތަކުގެ އެއަރލައިންތަކުގެ ދަތުރުތައް ދިގުވެ ޚަރަދުބޮޑުވުމުގެ ސަބަބުން އެއެއަރލައިންތައް ބަނގުރޫޓް ވުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔޫރަޕްގެ ގިނަ އެއަރލައިންތަކުން މިހާރު ވެސް ވަނީ ރަޝިޔާގެ މިއިންޒާރާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

ޔުކްރޭންގެ މައްސަލާގައި ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާ އިން ދެފަހަރެއްގެ މަތިން ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެ އެވެ. ނަމަވެސް މިއީ އެހާ ހަރުކަށި ފިޔަވަޅުތަކެއްނޫނެވެ. މިފިޔަވަޅުތަކުގެ ރައްދުގައި ވެސް ރަޝިޔާ އިން ވަނީ އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ކާބޯތަކެތީގެ ބައެއްބާވަތްތައް އެތެރެނުކުރުމަށް ނިންމާފަ އެވެ. ރަޝިޔާގެ މިފިޔަވަޅުގެ ސަބަބުން އަހަރެއްގެ މައްޗަށް 20 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އެމެރިކާއާއި ޔޫރަޕަށް ކުރިމަތިވާނެ ކަމަށް ކަމާ ބެހޭ ރިޕޯޓްތަކުގައި ލަފާކޮށްފައިވެ އެވެ. ނަމަވެސް މިއީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ ދެފަރާތުގެ ގޮތުގައި އޮތް ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާ އަށް މާބޮޑު ގެއްލުމެއްނޫން ކަމަށް އެދެފަރާތުން ބުނެފައިވެ އެވެ. (ރޮއިޓާސް)