ޣައްޒާ (ސެޕްޓެމްބަރ 9): އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ކުރި އުދުވާނީ ހަނގުރާމައިގާ ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތައް ހިމެނޭ ގޮތަށް އެސަރަހައްދުގެ މަދަނީ އިންފްރާސްޓްރަކްޗާ އަށް ދީފައިވާ ގެއްލުންތައް ފެނުމުން ޝޮކެއް ލިބިވަޑައިގެންފި ކަމަށް ނޯވޭގެ ޚާރިޖީ ވަޒީރު ޕޯގް ޕްރިންޑާ ވިދާޅުވެއްޖެ އެވެ.

ޣައްޒާ އަށް އިސްރާއީލުން ދީފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް ޣައްޒާގެ ދެ އަވަށަކަށް ވަޑައިގަތުމަށް ފަހު ފަލަސްތީނުގެ ޕަބްލިކް ވޯކްސް މިނިސްޓަރާ އެކު ބޭއްވި ނޫސްކޮންފަރެންސެއްގައި ޕްރިންޑާ ވިދާޅުވީ ހަނގުރާމައެއްގައި ގައުމަކުން އަނެއް ގައުމެއްގެ މަދަނީ ތަންތަނަށް މިހާބޮޑު ގެއްލުންތަކެއް ދީފައިވާތަން ފަހުގެ ތާރީޚެއްގައި ފެނިފައިނުވާ ކަމުގަ އެވެ. އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމްތަކަށް ދީފައިވާ ގެއްލުންތަކަކީ ހައިރާންކުރަނިވި އަދި އެއްވެސް ޙާލެއްގައި ގަބޫލުކުރޭނެ އަދި އެކަމަށް ބަހަނާ ދެއްކޭނެ ގެއްލުންތަކެއް ނޫން ކަމަށް ވެސް ނޯވޭގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ކުރި އުދުވާނީ ހަނގުރާމައިގާ ޣައްޒާގެ މަދަނީ ތަންތަނަށް ގަސްދުގައި ޙަމަލާދީ އެތަންތަން ހަލާކުކޮށްލުމުގެ އިތުރުން ފަލަސްތީނުގެ ދޮޅު ހާހެއްހާ އާންމުން ޝަހީދުކުރުމަށް ހިންގާފައިވާ ގަތްލުއާންމުތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކޮށްފައިވެ އެވެ. މިޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރުމަށް ފަލަސްތީނުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެމެރިކާ ހުރަސްއަޅައި އެކަން ނުކުރުމަށް ފަލަސްތީނުގެ ސަރުކާރަށް ބިރުދައްކަމުން ގެންދާކަމަށް ހަމާސުން ބުނެ އެވެ.

އިސްރާއީލުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗާ އަށް ދީފައިވާ ގެއްލުންތަކުގެ އަގު 7.8 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް މިގެއްލުންތައް ބަލައި ދިރާސާކުރި ފަލަސްތީނުގެ ޚާއްސަ ކޮމިޓީން ބުނެފައިވެ އެވެ. ނޯވޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިގެއްލުންތައް ފޫބެއްދުމަށް ޓަކައި ނޯވޭ އިން ޣައްޒާގެ ރައްޔިތުންނަށް އެހީވާނެ ކަމަށާއި އަދި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް ބާރުއެޅުމަށާއި ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ފައިސާ ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ކަންތައްވެސް އަވަސްކޮށް އެކަމަށް މަދުވެގެން ތިން ބިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. (އަލްޖަޒީރާ)