ލިޔުނީ: އަދުހަމް ރަޝީދު

"އެކްސް މޭން" ގެ "ޕްރޮފެސަރު އެކްސް" އޭނާގެ ސިކުނޑިން އެހެން މީހުންގެ ސިކުނޑިއާ ވާހަކަ ދައްކާލާ ގޮތް ހަދާން އެބަ ހުރި ހެއްޔެވެ. ހަމަ މި ބީދައިން އިންސާނުންނަށް އެކަކު އަނެކެއްގެ ސިކުނޑިއަށް މެސެޖް ފޮނުވޭ ޓެކްނޮލޮޖީއެއް ސައިންސްވެރިން ކާމިޔާބު ކަމާއެކު ތަޖުރިބާ ކޮށްފި އެވެ.

ހާވާޑް މެޑިކަލް ސްކޫލް ގެ ޕްރޮފެސްރުންގެ ޓީމަކާއި، އެކްސިލަމް ރޮބެޓިކްސްގެ ރީސާޗަރުން ގުޅިގެން ކުރި މި ދިރާސާގައި، އިންޑިއާގައި ހުންނަ މީހަކު އޭނާއާ 8046.72 ކިލޯމީޓަރު ދުރުގައި، ފްރާންސްގައި ހުރި މީހެއްގެ ސިކުނޑިއަށް އިންޓަނެޓް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މެސެޖް ފޮނުވާލި އެވެ.


އިންޓަނެޓް މެދުވެރިކޮށް ސިކުނޑިން ސިކުނޑިއަށް މެސެޖް ފޮނުވުމުގައި ސައިންސްވެރިން ބޭނުން ކުރީ ރޮބޮޓިކް އެސިސްޓެޑް އިމޭޖް ގައިޑެޑް ޓްރާންސެކްޝަނަލް މެގްނެޓިކް ސްޓިމިއުލޭޝަން އެވެ. މިގޮތުން އެކަކު އަނެކަށް ފޮނުވަން ބޭނުންވާ މެސެޖް ބައިނަރީ ނަންބާސް ނުވަތަ ކޮމްޕިއުޓާ ލެންގުއޭޖަށް މި ސިސްޓަމް އޮޓަމެޓިކުން ބަދަލު ކޮށްލުމައް ފަހު ފޮނުވާލައެވެ. އެހެން ކަމުން މެސެޖް ލިބޭ ފަރާތަށް މެސެޖް ލިބެނީ 0 ނުވަތަ 1 ގެ ސިފައިގައެވެ.

ކޮންމެ 0 މެސެޖް ލިބޭ ފަރާތުގައި ފައި، އަދި 1 ނަމަ އަތް ހަރަކާތް ކޮށްލުމުން މި ހަރަކާތްތައް އީއީޖީ ސިސްޓަމުން ޑީކޯޑް ކުރުމަށް ފަހު ސިކުނޑިއަށް ލަފުޒެއްގެ ސިފައިގައި ފޮނުވާލައެވެ.

މިއީ މިހާތަނައް، ސިކުނޑިން ސިކުނޑިއަށް މެސެޖު ފޮނުވުގައި ސައިންސްވެރިން ހޯދި އެންމެ ބޮޑުކުރި އެރުމެވެ.