08 Sep 2014, 23:08
އިންޓަ ގަވަމެންޓަލް އޯޝަނޮގްރެފިކް ކޮމިޝަން އޮފް ޔުނެސްކޯގެ ފަރާތުން އިންޑިއާ ކަނޑުގައިވާ ސުނާމީ އިންޒާރުދޭ ސިސްޓަމް (އައިއޯޓީޑަބްލިއުއެސް) ޓެސްޓް ކުރުމަށްޓަކައި އިންޑިއާ ކަނޑުގައިވާ ހުރިހާ ގައުމެއް ހިމެނޭ ގޮތަށް އެކްސަސައިޒެއް ހިންގުމަށް ހަމަޖައްސައިފި އެވެ.
އެ ހަރަކާތާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ މުވާސަލާތީ ވަސީލަތްތަކުގެ ހާލަތު ދެނެގަތުމާއި ގައުމުތަކުން ކުއްލި ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ހާއްސަ ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށާއި އެ ހަރަކާތް ހިންގަން ހަމަޖެހިފައި ވަނީ މިމަހު ނުވައެއް އަދި 10 ވަނަ ދުވަހު ކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިރޭ 'ސަން' އަށް ވިދާޅުވީ، އެ އެކްސަސައިޒުގެ ދަށުން އޭގައި ބައިވެރިވާ ގައުމުތަކުގެ އައިއޯޓީޑަބްލިއުއެސް ސިސްޓަމްތަކަށް ސުނާމީގެ އިންޒާރުގެ މެސެޖެއް ފޮނުވާނެ ކަމަށާއި އޭގެ ބޭނުމަކީ އެ ސެންޓަރުތަކުން، 'ކަމަށް' ތައްޔާރުވެފައިވާ މިންވަރާއި އެ ފަރާތްތަކުން މުއާމަލާތް ކުރާ ގޮތް ދެނެގަތުން ކަމަށެވެ.
މެޓް އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންޑިއާ ކަނޑުގެ 14 ގައުމަކުން ބައިވެރިވާ އެ ހަރަކާތުގައި ދިވެހިރާއްޖެއާއި މި ސަރަހައްދުގައި ސުނާމީ އިންޒާރު ދިނުމަށް ގާއިމްކުރެވިފައިވާ ސެންޓަރުތަކާއި ދެމެދު އެޅިފައިވާ މުވާސަލާތީ ވަސީލަތް ޓެސްޓުކުރެވޭނެ ކަމަށެވެ. އަދި އެ ހަރަކާތަކީ ނަމޫނާ ހަރަކާތަކަށް ވާތީ އެއިން އެއްވެސް މީހަކަށް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މެޓް އޮފީހުން ބުނީ، އެއީ ހަމައެކަނި މި ސަރަހައްދުގައި ގާއިމްކޮށްފައިވާ ބިން ހެލުމާއި ސުނާމީގެ އިންޒާރުދޭ ނިޒާމް ޓެސްޓްކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.