08 Sep 2014, 22:47
ނިމިދިޔަ ސަމަރ ޓްރާންސްފާގައި އިޓަލީގެ ރޯމާއިން މަހްދީ ބިނައުތިޔާ ވިއްކާލަން ނިންމިކަން ހާމަކުރުމާއެކު ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ބަސެލޯނާއާއި ރެއަލް މެޑްރިޑުން އޭނާ ގެންދަން މަސައްކަތް ކުރިކަމަށް މިހާރު ބާޔާން މިއުނިކަށް ސޮއިކޮށްފައިވާ މޮރޮކޯ ޑިފެންޑަރު ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ޑިފެންޑަރު ބުނީ ބާސާއާއި ރެއާލުން އޭނާ ގެންދިއުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ޕްރިމިއާ ލީގުގެ ދެ ކްލަބު ކަމަށްވާ މެންޗެސްޓާ ސިޓީއާއި ޗެލްސީން ވެސް އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ.
"މެންޗެސްޓާ ސިޓީ އަދި ޗެލްސީއިން އަހަރެން ބޭނުންވާ ކަމަށް ބުނި. މީގެ އިތުރުން ބާސެލޯނާ އަދި ރެއާލުންވެސް އަހަރެން ބޭނުންވާކަމަށް ވަނީ ބުނެފަ،" ބިނައުތިޔާ ބުންޏެވެ.
ބަޔާން މިއުނިކަށް 26 މިލިއަން ޔޫރޯގެ ފީއަކަށް ބަދަލުވި ޑިފެންޑަރު ބުނީ ބޮޑު އަގެއްގައި އެ ކްލަބާ ގުޅުނު ކަމުގައިވީ ނަމަވެސް އެއްވެް ޕްރެޝަރެއް ނެތްކަމަށެވެ. އަދި ބަޔާންގައި އޭނާ ހުންނާނީ ހިތްހަމަ ޖެހިގެން ކަމަށްވެސް އޭނާ ބުންޏެވެ.
"ރޯމާގެ ސްޕޯޓިން ޑިރެކްޓަރު ބުނި އެމީހުން އަހަރެން ބަހައްޓަން ބޭނުންވާ ވާހަކަ. އެކަމު އެމީހުން ފައިސާ ބޭނުންވާ ކަމަށްވެސް ބުނި. އެގޮތަށް ބުނުމުން އަހަރެން ވަރަށް ބޮޑަށް ރުޅިއައި ކަމެއް އެއީ،" ބިނައުތިޔާ ބުންޏެވެ. "އަހަރެން ބަޔާނުގައި ހުންނަން ހިތްހަމަޖެހޭ. މިތަން ކުޑަކޮށް ފިނި ކަމުގައި ވިޔަސް."