08 Sep 2014, 22:28
މާލޭގައި މިވަގުތު ހުރި އެންމެ ބޮޑު ރެސްޓޯރެންޓްގެ ގޮތުގައި ލެމަން ގްރާސްގެ ހަ ވަނަ ރެސްޓޯރެންޓް "ސިޓްރޯން ބައި ލެމަން ގްރާސް" މިރޭ ހުޅުވައިފި އެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައިވާ އެ ރެސްޓޯރެންޓް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމްގެ ދެކަނބަލުންނެވެ. އަދި އެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ރައްޔިތުން މަޖިލިސްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ލެމަން ގްރާސްގެ އެއް ޑައިރެކްޓަރު ޢަބްދުﷲ އާތިފް ވިދާޅުވީ، ސިޓްރޯންގައި އެއް ފަހަރާ 340 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ތަފާތު ގިނަ ގައުމުތަކާއި ސަރަހައްދުތަކުގެ ކާނާ ލިބެން ހުންނާނެ ކަމަށެވެ.
"...މިތަނުން ލިބޭނެ، ތައިފުޑް ލިބޭނެ. އިންޑިއަން ފުޑް ލިބޭނެ. ވެސްޓަރން ފުޑް ލިބޭނެ. މެކްސިކަން ފުޑް ލިބޭނެ. މީ މިތަނުން ލިބޭނެ ފުޑް. ދެން ހަމަ އެންމެ ޒަމާނީ ޑްރިންކްތައް ވެސް ލިބޭނެ،" އާތިފް ވިދާޅުވި އެވެ.
ރެސްޓޯރެންޓް ހުޅުއްވައި ދެއްވަން ވަޑައިގެންނެވުމުން ރައީސް ޔާމީނަށް ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ލެމަންގްރާސް ގްރޫޕްގެ އެންމެ އިސްވެރިޔާ އިބްރާހީމް އާތިފް ވިދާޅުވީ އެ ރެސްޓޯރެންޓަކީ ހަމަ އެކަނި ވިޔަފާރީގެ ނަފަޔަށް ވިސްނައިގެން ކުރެއްވި މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ މާލޭގެ ހަލަބޮލި މާހައުލުގައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމާ ވެސް އެކުގައި ކުރެއްވި މަސައްކަތެއް ކަމަށެވެ.