08 Sep 2014, 21:32
މިއަހަރު ނިމެންވާއިރަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަށް ދިވެހި އަދި އިސްލާމް މާއްދާ ތައާރަފްކުރުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ތިން އަތޮޅެއްގެ ޕްރިންސިޕަލުންނާ އެކު ސްޓެލްކޯގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ މެނިފެސްޓޯގެ ދަށުން ރާއްޖޭން ބޭރުގައި ތިބޭ ދިވެހި ކުދިންނަށް ދިވެހި އިސްލާމް އަދި ގްރުއާން މާއްދާ ކިޔަވައިދިނުމުގެ ހިދުމަތް ދިނުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
"ރައީސް ޔާމީން އާއި މިނިސްޓްރީ ގުޅިގެން ސަރުކާރުގެ މެނިފެސްޓޯގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަށް ހިދުމަތްތަކެއް ފޯރުކޮއްދޭން ފަށާނަން. އޭގެ ދަށުން އިންޑިއާގެ ޓްރިވެންޑްރަމް އަށް މި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރާނެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް ޓްރިވެންޑްރަމްގައި ތިބި ދިވެހި ކުދިންނަށް އެ ޚިދުމަތް ފޯރުކޮށް ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ސަރުކާރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސިލޯނުގައި ތިބި 300 އެއްހާ ކުދީންނަށް މިހާރު ވަރަށް ކާމިޔާބުކަމާ އެކު ކިޔަވައިދެމުން އަންނަ ކަމަށާއި އެކަން އިތުރަށް ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނ. ރ. އަދި ށ. އަތޮޅުގެ ހުރިހާ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގެ ބޭނުމަކީ މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ގެންގުޅެމުންދާ ސިޔާސަތު ހުރިހާ ޓީޗަރުންނަށް އަންގައިދިނުން ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ޕްރިންސިޕަލުންނާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ.