08 Sep 2014, 19:46
މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަނުގައި ވެސް އެތުލެޓިކޯ މެޑްރިޑަށް ރަނގަޅު ކާމިޔާބުތަކެއް ހޯދިދާނޭ ކަމަށް އެކްލަބުގެ ބްރެޒިލް ޑިފެންޑަރު ޖުއާއޯ މިރާންޑާ ބުނެފި އެވެ.
މިރާންޑާ ގަބޫލް ކުރާގޮތުގައި އެ ކްލަބަކީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ ގާބިލްކަން ލިބިފައިވާ ކްލަބެއް ކެވެ.
" އަހަރެންނަށް ހީވާ ގޮތުން އަހަރުމެން ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ރަނގަޅު ފައިޓެއް ދެވޭނެ. ކްލަބަށް އިތުރު ތަށިތައް ގެންނަން ކުރެވެން އޮތްހާ މަސަތްކަތްތަކެއް އަހަރެން ކުރާނަން. މިހާ ހިސާބަށް ޓީމުގެ ގިނަ ކާމިޔާބީތަކުގައި ހިއްސާވިން، އަދި އެކަމަށްޓަކައި ޓީމަށް ޝުކުރު އަދާ ކުރަން،" މިރަންޑާ ބުންޏެވެ.
ސްޕެއިންގެ ޗެމްޕިއަނުންނަށް އެ ކާމިޔާބީތައް ހޯދައިދިނުމުގައި މުހިއްމު ރޯލުތަކެއް އަދާކުރި ބައެއް ކުޅުންތެރިން ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޓީމު ދޫކޮށްފައެވެ. މިގޮތުން މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކައި 27 ގޯލް ކާމިޔާބު ކުރި ބްރެޒިލް އަށް އުފަން ޑިއޭގޯ ކޮސްޓާ އާއި ފެލިޕެ ލުއިޒް ފާހަގަކޮށްލެވެއެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މިރާންޑާ ބުނީ އޭގެ ސަބަބުން ޓީމަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށާއި ސަބަބީ ރަނގަޅު ކުޅުންތެރިންތަކެއް ޓީމާއި ގުޅިފައިވާތީކަމަށެވެ.
ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ކޮސްޓާ ނެތްތަން ފޫބައްދަން ބަޔާން އިން ފޯވަޑް މާރިއޯ މަންޒުކިޗްގެ ސޮއި އަތުލާފައެވެ.
އެތުލެޓިކޯ މެޑްރިޑް ވަނީ ނިމިގެންދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއްކޮޅުން ވާދަކޮށްފައެވެ.
އެތުލެޓިކޯއަކީ މިހާރު ކޮންމެ ކްލަބެއް ވެސް ޖެހިލުންވާނެ ކަހަލަ ވަރުގަދަ ޓީމެކެވެ. މިކަމުގެ ހެއްކަކަށް މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ސްޕެނިޝް ސުޕަ ކަޕް ގައި ގަދަފަދަ ރެއާލް މެޑްރިޑްގެ މައްޗައް ހޯދި ކާމިޔާބީ ފާހަގަ ކޮށްލެވެއެވެ.
އާ ސީޒަންގެ ލަލީގާގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ތާވަލުގެ ހަވަނައިގައެވެ.