އައިޖީއެމްއެޗުގެ ބޭހުގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްތައް އެސްޓީއޯ އާ ދެ އަހަރު ދުވަހަށް ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ކޮންޓްރެކްޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. މާލޭ ހެލްތު ކޯޕްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އައިޖީއެމްއެޗުގެ ސީއީއޯ މުހައްމަދު ޒުބޭރެވެ.

އެ ކޮންޓްރެކްޓުގައި ސޮއިކުރެއްވުމަށް ފަހު ޒުބޭރު ވިދާޅުވީ އެސްޓީއޯ އާ އެ މަސައްކަތް ހަވާލުކުރީ އެކަމަށް އެންމެ ގާބިލު ކޮމްޕެނީ އަކީ އެސްޓީއޯ ކަމަށް މާލޭ ހެލްތު ކޯޕުރޭޝަނުގެ ބޯޑުން ދެކޭތީ އެއްވެސް ބިޑަކާއި ނުލައި ކަމަށެވެ. އަދި މީގެ ކުރިން އައިޖީ އެމްއެޗުގެ ބޭސްފިހާރަ ހިނގުމަށް ކޮށްފައި އޮތް ބިޑު ކެންސަލްކޮށްފައިވާ ކަމަށް ވެސް ޒުބޭރު ވިދާޅުވި އެވެ.

"އައިޖީ އެމްއެޗުގެ ބޭސްފިހާރަ ދިގު މުއްދަތެއް ވަންދެން މީގެ ކުރިން ވެސް ހިނގާފައި ވަނީ އެސްޓީއޯ އިން. މިކަމަށް އެންމެ އެކަށީގެންވާ ބައެއްކަމަށް އަޅުގަނޑުމެން ދެކެނީ އެސްޓީއޯ. އައިޖީއެމްއެޗާއި އެސްޓީއޯގެ ވެސް ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްތަކެއް ހެޔޮ އަގުގައި ކޮށްދިނުން. ބިޒްނަސް އަކަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބަލާނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް." ޒުބޭރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެސްޓީއޯ އިން ބަލާނީ ވީހާ ވެސް ހެޔޮ އަގެއްގައި ބޭސް ފޯރުކޮށްދިނުމަށް ކަމަށެވެ. އައިޖީއެމްއެޗުގެ ސްޓޮކް މެނޭޖު ކުރުމަށް ކުރާ މަސައްކަތުގައި އައިޖީއެމްއެޗުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ކޮންޓުރެކްޓުގެ އެޑްވާންސްއެއްގެ ގޮތުން ވެސް އައިޖީއެމްއެޗުން އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައިޖީއެޗުގެ ބޭސްފިހާރައިގެ ހިދުމަތް އަވަސް ކުރުމަށް އެސްޓީއޯ އިން އައިޖީއެމްއެޗު ގޯތި ތެރޭގައި ބޭސްފިހާރައެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ބޭސްފިހާރައިގެ މަސައްކަތް 20 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލޭވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.