ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގައި ހުންނަނީ ހިތްހަމަ ޖެހިގެން ނޫންކަމަށް ރެއާލް އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އާޖެންޓީނާ މިޑްފީލްޑަރު އެންޖެލް ޑި މަރިއާ ބުނެފި އެވެ.

ޑި މަރިއާ ބުނީ އޭނާއަށް ރޮނާލްޑޯ ރެއާލްގައި ހުންނާނީ ކިހާ ދުވަހަކު ކަމެއް ނޭނގޭކަމަށާއި ރޮނާލްޑޯ ރެއާލްގައި އެހާ އުފާ ނުވާ ކަމަށް ހީވާ ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ ރޮނާލްޑޯ ކިހާ ދުވަހެއް ވަންދެން ރެއާލްގައި ހުންނާނެ ކަމެއް. އެކަމަކު އަހަރެންނަށް ހީވަނީ އޭނާ، ރެއާލް ގައި ހުންނަން އެހާ ހިތްހަމަ ނުޖެހޭހެން،" ރޮނާލްޑޯއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ރެއާލްއަށް ކުޅުނު ޑިމަރިއާ ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ލިސްޓުން ރޮނާލްޑޯ އަންނަނީ މަޑުމަޑުން ތިރިއަށް ވެއްޓެމުންނެވެ. އެގޮތުން ޑި މަރިއާ އަށާއި ރަޑަމެލް ފަލްކައޯއަށް މިހާރުވެސް ރޮނާލްޑޯއަށް ވުރެމުސާރަ ބޮޑުކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މި އަހަރުގެ ފެބްރުއަރީ މަހު، މެންޗެސްޓާއާ އެކު ވޭން ރޫނީ އެއްބަސްވުން އާކުރުމަށް ހަފްތާއަކަށް 300،000 ޕައުންޑުގެ ފީއެއް ކަނޑައެޅި އަދަދަކީ ވެސް ރޮނާލްޑޯއަށް ލިބޭވަރަށް ވުރެއް އިތުރު އަދަަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެނިޝް ލީގުގައި ގްރެނެޑާ އަތުން ރެއާލް މޮޅުވި މެޗުގައި އެ ޓީމުގެ ދެ ލަނޑު ޖަހައިދިނުމަށް ފަހުވެސް ރޮނާލްޑޯ އެކަން "ސެލެބްރޭޓް" ނުކުރީ ކީއްވެކަން އެނގޭނީ ރެއާލްއަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

"އަހަރެން މިއަދަކު އުފަލެއް ނުވޭ. މިއަދުގެ ގޯލުތައް 'ސެލެބްރޭޓް' ކުރަން ބޭނުން ނުވަނީ އުފާ ނުވާތީ. އެއީ ޕްރޮފެޝަނަލް ކަމެއް. ރެއާލް މެޑްރިޑަށް އެނގޭނެ ކީއްވެކަން އުފާ ނުވަނީ،" ރޮނާލްޑޯ ބުންޏެވެ.

ޗެލްސީން ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަަމަވެސް ރެއާލް ދޫކޮށް އެހެންޓީމަކާ ގުޅޭނަމަ އޭނާ ދާނީ ބެލެވޭގޮތުގައި ޔުނައިޓެޑަށެވެ. އެގޮތުން މެންޗެސްޓާއަށް ކޮންމެވެސް ދުވަހަކުން އަނބުރާ ދާން ބޭނުން ވާކަމަށް އޭނާ ބުނެފައި ވެއެވެ.