މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމަށް ކުޅެމުންއައި އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް، ވާދަވެރި އާސެނަލް އަށް ދިނުމަކީ އެޓީމުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނެންޑް ބުނެފި އެވެ.

ފްރާންސްގެ މޮނަކޯއިން ކޮލަމްބިއާ ފޯވާޑް ރަޑަމެލް ފަލްކައޯ ޔުނައިޓެޑާ ގުޅުމާއެކު، އެޓީމުން ވަނީ 16 މިލިއަން ޕައުންޑަށް އާސެނަލްއަށް ވެލްބެކް ވިއްކާލައިފައެވެ.
ޔުނައިޓެޑާއެކު ވެލްބެކް ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ޓީމު ބަދަލުވުމުގެ އިހްތިޔާރު އެޓީމުގެ ކޯޗު ލުއިސް ވެން ހާލް ދީފައިވާކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވާއިރު ފާޑިނަންޑު ބުނީ، އެއީ ކަމުދާގޮތެއް ނޫން ކަމަށެވެ.
"އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ މެންޔުނައިޓެޑުން ޑެނީ ދޫކޮށްލީމަ. އަދި ހާއްސަކޮށް އާސެނަލަށް،" ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.
ފާޑިނެންޑް ބުނީ، ވެލްބެކަކީ ޑިފެންޑަރުން ބިރުގަންނަ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އާސެނަލްއިން އެ ކުޅުންތެރިޔާގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ނަމަ އޭގެ ނުރައްކާތެރިކަން އެންމެ ބޮޑުވާނީ ވެސް ޔުނައިޓެޑަށް ކަމަށެވެ.
"ޑެނީ އަކީ ޑިފެންޑަރުން ބިރުގަންނަ ފަދަ ވަރުގަދަ ކުޅުންތެރިއެއް. އާސެނަލުން އޭނާ ރަނގަޅަށް ބޭނުންކުރަން އެނގިއްޖިއްޔާ މެންޔޫއަށް އޭނާ ވަރަށް ނުރައްކާތެރި ވާނެ. އެންމެ ވަރުގަދަ ކުޅުންތެރިޔާއަށް ވުމަށް ބޭނުންވާ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި އެބަހުރި،" ރިއޯ ބުންޏެވެ.

ފާޑިނެންޑް ބުނީ ވެލްބެކް ދިޔުމުން އޭނާ ހިތާމަ ކުރިނަމަވެސް އާސެނަލް ފަދަ ކުޅުންތެރިންގެ މުސްތަގުބަލާމެދު ވިސްނާ ކުލަބަކާ ގުޅުމުން އޭގެ ސަބަބުން ވެލްބެކަށް ރަނގަޅު ކުރިމަގެއް އޮތް ކަމަށެވެ.
"މެންޔޫގައި ހުންނައިރު ވެން ޕާސީއާއި ރޫނީ އަބަދުވެސް ތިބޭނީ އޭނާއަށް ވުރެ ކުރީގަ. އެކަމު އާސެނަލްގައި އޭނާ ހުންނާނީ އެންމެ ކުރީގައި،" ފާޑިނެންޑް ބުންޏެވެ.
އިންގްލޭޑް ޓީމަށް ވޯލްޑް ކަޕްގެ ދެ މެޗު ކުޅެފައިވާ ނުރައްކާތެރި ފޯވާޑް ވަނީ، 2013-2014 ޕްރިމިއާ ލީގުގައި ނުވަ ގޯލު ޖަހައިފައެވެ.