ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެއްޗެއްގައި ރޭ ފްރާންސް އާއި ސާބިޔާ ވާދަކޮށް 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ.

ސާބިޔާގެ ސްޓޭޑިއަމް ޕާޓިޒާނާގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ފްރާންސް ކާމިޔާބު ކުރީ މެޗުގެ ވަރަށް ކުރީ ކޮޅުގައެވެ. ފުރަތަމަ ހާފްގެ 13 ވަނަ މިނިޓްގައި މި ލަނޑު ފްރާންސަށް ޖަހައިދިނީ ރެމީ ސަބެއްލާ ނަގައިދިން ކޯނަރަކުން ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ޕައުލް ޕޮގްބާ އެވެ.

މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު ސާބިޔާއިން ޖަހައިފައި ވަނީ މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ލިބުނު ހިލޭޖެހުމަކުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އެލެކްސެޑާ ކޮލަރޯވް އެވެ.

މިމެޗަކީ ސާބިޔާގެ ކޯޗެއްގެ ގޮތުގައި ހޮލެންޑްގެ ޑިކް އެޑްވަކާޓް ޓީމަށް އިރުޝާދު ދިން ފުރަތަމަ މެޗެވެ. މި މެޗުގައި އެޑްވަކާޓް ވަނީ ސާބިޔާ ޓީމް ކުޅެމުން އަންނަ ސްޓައިލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސާބިޔާ ރޭގައި ކުޅެމުންދިޔައީ 1-3-2-4 ފޯމޭޝަނަށެވެ.

ރޭގައި ކުޅެވުނު އެކުވެރި ކަމުގެ އެހެން މެޗްތަކަށް ބަލާއިރު ޕެރެގުއާއީގެ ސްޓޭޑިއަމް ވިލްޗް ލިންގައި އެކުވެރި އަރަބި އިމާރާތާއި ޕެރެގުއާއި ވާދަކޮށް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިވަނީ ނިމިގެން ގޮސްފައެވެ. ބޮލީވިޔާ އާއި އިކުއެޑޯ ވާދަކޮށް ބޮލީވިޔާ ވަނީ 4-0 ލަނޑުން ބަލިވެފައެވެ.