08 Sep 2014, 17:50
ޓްރެކް ސަރަހައްދުގެ ފަތާފެންގަނޑަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މެދު ތިން ފިޔަވަޅެއް އެޅުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
ކަމާ ބެހޭ މުއައްސަސާތަކާއެކު މިއަދު ވެލާނާގޭ ތިންވަނަ ފަންގިފިލައިގައި ބޭއްވި ބައްދަލުވުމުގައި ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ މި މައްސަލައިގައި އަވަސް ހައްލުތަކެއް ހޯދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސްތްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ފަތާފެންގަނޑު ވަކިކުރާ ހުރަސް ތޮށިގަނޑުގެ ހަލާކުވެފައިވާބައި މަރާމާތުކުރުމާއި، މާލޭ ސިޓީ ކައުންސިލުން ކުރިއެކޭވެސް އެއްގޮތައް ފަތާފެންގަނޑު ސާފުކުރުމުގެ އިތުރުން އީޕީއޭގެ ރިކޮމެންޑޭޝަނާ އެއްގޮތަށް ސްޓެލްކޯއާ އެކު ޑަބްލިއުއެސްސީން ފިޔަވަޅު އެޅުމަށް ވަނީ ނިންމަވާފައެވެ.
މަލީހު ވިދާޅުވީ މައްސަލަތައް ހައްލުކުރުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް، އަދި އެއްވެސް ދިރާސާއެއް ނެތި ބަޔާންތައް ނެރުއްވުމުން މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ. އަދި ދިމާވާ ކޮންމެ މައްސަލަތަކުގައިވެސް ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްގެން ކަންތައްތައް ކުރިއަށް ގެންދިއުމަށް މަލީހު އެދިވަޑައިގަތެވެ.
މާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އެކުއެޓިކް ސެންޓަރުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ޔޫތު މިނިސްޓަރު ވަނީ މިއަދު ހިއްސާކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މި ސެންޓަރު ގާއިމިކުރެވުމުން މާލެ ސަރަހައްދުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ދިމާވެފައިވާ ހުރަސްތަކަށް ހައްލުތައް ލިބިގެންދާނެ ކަމަށެވެ.
މި ބައްދުލުވުމުގައި ޔޫތް މިނިސްޓްރީގެ އިތުރުން، އީޕީއޭ އާއި މާލޭ ސިޓީ ކައުންސިލާއި ސްވިމިންގް އެސޯސިއޭޝަނާއި ސްޓެލްކޯއާއި އެޑިއުކޭޝަން މިނިސްޓްރީ އަދި އެމް ޑަބްލިއުއެސް ސީ ގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.