ސުނާމީގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ގެދޮރު ނުލިބިވާ މީހުންނަށް އަޅަމުން އަންނަ ގެތައް ނުނިމި ލަސްވަނީ އެމައްސަކަތް ކުރިން ކޮށްފައިވާ ގޮތުން ލިބުނު ގެއްލުންތައް ބޮޑުކަމުން ކަމަށް ހައުސިން މިނިސްޓަރް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އެމިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑރ.މުއިއްޒު ވިދާޅުވީ ސުނާމީއަށް 10 އަހަރު ވެގެން ދާއިރު ވެސް ގެދޮރު ހަވާލު ނުކުރެވޭ ގިނަ ބަޔަކު އެބަ ތިބި ކަމަށާއި އެއީ ގެތަކުގެ މަސައްކަތުގައި ގިނަ ދަތިތަކެއް ދިމާވެފައި ވާތީ ކަމަށެވެ.

"... ދެން އެޕްރޮޖެކްޓްގެ ވާހަކަ އަޅުގަނޑުމެންނަށް ކުރިން ވަރަށް ގިނަ ފަހަރު ފަހަރު ދެއްކިފައި ވާނެ. ޕްރޮޖެކްޓް 2009 އަކުން 2011 ގެ ނިޔަލަށް ކުރެވިފައިވާ ގޮތުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތައް ސަރުކާރާ ރައްޔިތުންނަށް ވެފައި ވާތީ ވަރަށް ބޮޑެތި އިހުމާލުތަކެއް އޭގެ ތެރޭގައި ހިނގައި، ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރު ވަރަށް ދަށް ވެފައި ވާތީ ވަރަށް ގިނަ ކަންކަން ކުރިން ކޮށްފައިވާ ކަންކަމުގެ ސަބަބުން ކުރަން ޖެހިފައިވާތީ ، އަދި އިތުރަށް ފައިސާވެސް އެކަމުގައި ސައުދީ ފަންޑުގައި ދަންނަވައިގެން ހޯދަން ޖެހުމާ އެކީ، މިކަހަލަ ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ޕްރޮޖެކްޓް ނުނިމި އަދިވެސް ދިގުލައިގެން މިދަނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވދާޅުވީ އެދަތިތަކާ އެކުގައި ވެސް މިހާރު އެމަސައްކަތުގެ ގާތްގަނޑަކަށް 72 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މަސައްކަތް ކުރި ގޮތުގެ ސަބަބުން އިތުރަށް ހޯދަން ޖެހިފައި ވަނީ ކިހާ ފައިސާއެއްތޯ ސަން އިން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ މުޅި މަސައްކަތުގެ ބަޖެއްޓްގެ 30 ޕަސެންޓާ އެއްވަރުގެ އަދަދެއް އަލުން ހޯދަން ޖެހޭ ކަމަށެވެ.

"... ޕްރޮޖެކްޓްގެ އަސްލު އެޕްރޫވް ވެގެން އައި ބަޖެޓަށް ވުރެ އިތުރަށް މިހާރު އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ގާތްގަނޑަށް 30 އަކަށް ޕަސެންޓަށް ވުރެ އިތުރަށް މިހާރު ފައިސާ އެބަ ބޭނުންވޭ. ހޯދަން ރިކުއެސްޓްވެސް ކުރެވިފައި ވާނީ. އެއީ ކުރިން ވެސް ދެންނެވިހެން، ކޮށްފައި ހުރި މަސައްކަތްތައް ވެސް ހަމަ އަނެއްކާ ކުރަން ޖެހިފައި އެބަހުރި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މަސައްކަތަށް ގެނައި ވަރަށް ގިނަ ތަކެތި އިސްރާފުވެފައިވާ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ހައުސިން މިނިސްޓަރް ކަމުގެ މަގާމާ ފުރަތަމަ ހަވާލުވެ ވަޑައިގެން ކުރެއްވި ދަތުރުފުޅުގައި ބެއްލެވި އިރު މަދުވެގެން 20،000 ކޮތަޅު ސިމެންތި ގަނޑުވެފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

"...އަޅުގަނޑުމެންގެ ޓީމުން ގޮސް ބެލި ބެލުމުގައި އެއީ 2012 ގެ މާޗް އެހާ ހިސާބުގައި. އެއީ އަޅުގަނޑު ފުރަތަމަ މަގާމާއި ހަވާލުވެފައި އޭރުގެ ސަރުކާރުގައި . މަދުވެގެން ވިއްސަކަށް ހާސް ކޮތަޅު އެބަހުރި ގަނޑުވެފައި. މިއީ އެގްޒާމްޕަލެއް އިނގޭތޯ. އެހެންވީމާ އިންތިހާއަށް އިސްރާފުކޮށްފައި ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ސުނާމީއަށް 10 އަހަރުދުވަސް ވެގެން މިދަނީ. އެހެން ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް ގެދޮރު ހަވާލު ނުކުރެވޭ ގިނަ ބަޔަކު އެބަތިބި. އަޅުގަނޑުމެން މަސަކަތް ސުނާމީގައި ގެދޮރު ހަލާކުވި މީހުންނަށް އަޅާ ގެތަކުގެ ތެރެއިން ގެތައް އަޅުގަނޑުމެން އަޅަމުން އަންނަނީ ގއ. އަތޮޅު އުތުރުބުރީގެ ހަތަރު ރަށެއްގައެވެ. އެއީ ދާންދުއާއި މާމެންދުއާއި ވިލިނގިއްޔާއި އަދި ނިލަންދޫގައެވެ. އެހަތަރު ރަށުގައި 298 ގެ އެޅުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ފަސް އަހަރަށް ވުރެ ވަނީ ގިނަވެފައެވެ.