08 Sep 2014, 16:20
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމަށް 1.2 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސަންސެލް މޯލްޑިވްްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާ ތާރީހުން ފެށިގެން 92 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވީ ހިތަދޫ ހޮސްޕިޓަލް ޓާސިއަރީ ހޮސްޕިޓަލަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު ހަވާލުކުރި މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލްގައި މައިންނާއި ކުޑަ ކުދިން ބެލުމަށް ހާއްސަކޮށްފައިވާ ބައިތަކާއި ޑޮކްޓަރުން ބެލުމަށް ހާއްސަކޮށްފައިވާ ކޮޓަރިތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"ހިތަދޫ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި ވާތީ އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވެސް ގެންދަނީ ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ހިތަދޫ ހޮސްޕިޓަލްގައި އިތުރު އޮޕަރޭޝަން ތިއޭޓަރެއް ގާއިމްކޮށް އެއާ ގުޅިގެން ގާއިމްކުރަން ޖެހޭ ފެސިލިޓީސްތައް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ގެންދަނީ ކުރަމުންނެވެ. އަދި އޮޕަރޭޝަން ތިއޭޓަރު ފިނިކުރުމަށް ގާއިމް ކުރަން ޖެހޭ ފްރެޝް އެއާ ސިސްޓަމް ގާއިމްކުރުމާއި އެއާކޮންޑިޝަންތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް އެސްޓީއޯއާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި އަތޮޅުތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ 53 ކޮމްޕިއުޓާ ސިސްޓަމް ގަތުމާ ބެހޭ އެއްބަސްވުމެއްގައި ކްލިކް ކޮމްޕިއުޓާ އާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކްލިކް ކުންފުންޏާ ހަވާލުކޮށްފައި ވަނީ ފަސް ލައްކަ ރުފިޔާ އަށެވެ.
މީގެ އިތުރުން އަންނަ ހަފްތާގެ ތެރޭގައި ފޭދޫ ސިއްހީ މަރުކަޒާއި ހުޅުމީދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.