18 Jan 2011, 21:36
"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، "ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން އިތުރު މަޝްރޫއުތަކެއް ހިންގުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވަނީ އެކަމާ ގުޅޭ ގޮތުން ހުރިހާ ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
އެގޮތުން ތިލަފުށީގައި ކޮންޓެއިނާ ޕާކެއް ޤާއިމު ކުރުމަށާއި ވިލިނގިލީގައި ލައިޓް އިންޑަސްޓްރިއަލް ޕާކެއް ޤާއިމު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ތިލަފުށީގައި ކޮންޓެއިނާ ޕާކެއް ގާއިމްކުރުމާ ބެހޭ ގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު ކަމާގުޅޭ ދާއިރާތަކާ މަޝްވަރާ ކުރައްވައިގެން، ނިންމަވަންޖެހޭ ކަންތައްތައް ނިންމަވައި، ކޮންޓެއިނަރުގައި ތިލަފުށްޓަށް މުދާ ބޭލުމާއި، މުދާ ކްލިއާ ކުރުމުގެ ކަންތައްތައް ރަނގަޅު އުސޫލުތަކެއްގެ މަތިން ކުރައްވަމުން ގެންދެވުމަށް ކަނޑައެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ކަމާގުޅޭ އެހެނިހެން ދާއިރާތައް ގުޅިގެން، ބޯޑާ ކޮންޓްރޯލްގެ ކަންތައްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރެއްވުމަށްވެސް ނިންމެވި އެވެ.
ވިލިނގިލީގައި ލައިޓް އިންޑަސްޓްރިއަލް ޕާކެއް ގާއިމްކުރާއިރު ވީހާވެސް ގިނަ ބަޔަކަށް އެ ޕާކުގެ ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާ ކުރުމަށާއި ސްކޫލާއި ޞިއްހީ މަރުކަޒާ ދުރު ހިސާބެއްގައި އެ ޕާކް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ޓީ-ޖެޓީ، ވިޔަފާރި އުސޫލުން ހިންގުމަށް ދޫކުރުމާ ބެހޭ ގޮތުން ވެސް ކެބިނެޓްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ޓީ-ޖެޓީ އާއި، މާލޭގެ ވަށައިގެން ހުރި އެހެން ބަނދަރުތައް ބެލެހެއްޓުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއާ ހަވާލު ކުރުމަށް މިއަދު ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި އެހެން ގައުމުތަކުގައި ހުންނަ މާރުކޭޓު ތަކުގެ ފެންވަރަށް މާލޭ ލޯކަލް މާރުކޭޓް ތަރައްޤީ ކުރުމުގެ މަޝްރޫއު އެއް ވެސް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެވެ.