08 Sep 2014, 15:39
ނ. މަނަދޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.
މަނަދޫ ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ވަނީ އެރަށު ހުޅަނގު ފަރާތު މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އޮތް 12،63 އަކަމީޓަރުގެ ބިމަކީ ސިޓީ ހޮޓަލެއް ތަރައްގީކުރަން ހަމަޖެހިފައިވާ ބިމެއްގެ ގޮތުގައި ޓޫރިޒަމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ހަމައެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން އެބިމުގައި ސިޓީ ހޮޓަލެއް ހަދައި ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސިޓީ ހޮޓާ ތަރައްގީކުރުމަށް ކުއްޔަށްދެވޭނީ ފަތުރުވެރިކަމާ ބެހޭ ގާނޫނުގެ ދަށުން މީލާދީގޮތުން 50 އަހަރު ދުވަހަށް ކަމަށް އެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ސިޓީ ހޮޓާ އިމާރާތްކޮށް އެތަން އޮޕަރޭޓް ކުރުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދިވެހި ރައްޔިތުންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ދެވޭނީ ރާއްޖޭގައި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕަކަށް ކަމަށެވެ.
ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ އެކު މަނަދޫ ކައުންސިލުން ބާއްވާ ޕްރީ ބިޑް މީޓީންގް އޮންނާނީ މިމަހުގެ މެންދުރުފަހު 1:00 ގައި ކަމަށް އެ އިއުލާންގައި ވެއެވެ. އަދި ބިޑް ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި މަނަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އެ އިއުލާންގައި ވެއެވެ.