އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު އިއްޔެ މަރުވެފައި ވަނީ އެ ވަގުތު ލިބުނު ޝޮކެއްގައި ކަމަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެކްސިޑެންވި ދެމީހުން ހޮސްޕިޓަލަށް ގެނައީ ވަރަށް އަވަހަށް ކަމަށާއި ގެނައިރު ވެސް ދެމީހުން މަރުވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި ވެއްޓި އަނިޔާވެފައި ވަނީ ކޮންތާކަށް ކަން ނޭނގޭ ކަމަށާއި ބޭރު ފުށުން ބޮޑެތި އަނިޔާތަކެއް ފެންނަން ނެތް ކަމަށެވެ.

"އެކްސިޑެންޓްވި ގަޑީގައި ޖެހުނު ޝޮކެއް ކަމަށް ބެލެވެނީ އެއީ. ކޮންތަނެއް ޖެހިގެން ކަމެއް ނޭނގެ. އަނިޔާވެފައި ވަނީ. ދެ މީހުން ވެސް ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެނައި. ގެނައި އިރު ވަނީ ނިޔާވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެފައި ވަނީ އިއްޔެ ހަވީރު އެވެ. މަރުވެފައިވީ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެމީހުންނެވެ. އިއްޔެ ހަވީރު 5:45 އެހާކަންހާ އިރު ހިނގި އެ އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ރާޙަތުއްޞަބާޙް، ޙުސައިން ޖުމާން ޢަލީ،18، އާއި ސ. ހިތަދޫ، އަސްރާމަންޒިލް، އިބްރާހީމް އަސްވަދު،27، އެވެ.