ގއ. ގެމަނަފުށީ ޕެޓްރޯލްޝެޑްގެ އޮފީސް ފަޅާލައި 25،000 އަށް ވުރެ ގިނަ ރުފުޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ "އަންލިމިޓެޑް ފިއުލް" ނަމަކަށް ކިޔާ އެ ޕެޓްރޯލް ޝެޑުގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 8:10 އެހާކަންހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"އެތަނުގެ ތަޅު ހަލާކުކޮށްލުމަށް ފަހު އެތެރެއަށް ވަދެ ފައިސާތަކެއް ވަގަށް ނެގި ކަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅިފައި ވަނީ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ގެމަނަފުށީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މީގެ ކުރިން ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ފުލުހުންނަށް ހޯދިފައިނުވާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އެގޮތުން އެރަށު މަސް ދޯންޏެއްގެ ތިޖޫރިފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައާއި މަސްދޯންޏެއްގައި ހުރި އަގުބޮޑު އިންޖީނެއް ހަލާކުކޮށްލި އިރު ވެސް އެ އަމަލު ހިންގި މީހުން ފުލުހުންނަށް ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށުގައި ހިނގާ މިފަދަ ބޮޑެތި މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތައް ފުލުހުންނަށް ނުހޯދޭކަން މިއީ ފާހަގަކުރެވޭ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.