ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކޮންމެ ހަފްތާ އަކު ޗައިނާ އިން ރާއްޖެ އަށް 1000 ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާ މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ތިން ސިޓީ އަކަށް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު މެންދުރު މޫކައި ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް އެވެ. ޗައިނާގެ "ރަސިއާ ވިސަން އިންޓަނޭޝަނަލް ޓުރެވަލް ސާވިސް"ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ހެން ތައީ އެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުން ހަވާލުކުރަނީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާރިޝް ވިދާޅުވީ އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން އަންނަ އަހަރު ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރު ފަށަން ނިންމާފައި ވަނީ ޒިއާން ސިޓީ އާއި ޗަންޝާ ސިޓީގެ އިތުރުން މަންޗިން ސިޓީއަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރާ ދެ މަންޒިލްގެ އިތުރަށް ނެޓްވޯކަށް އެތެރެކުރެވޭ ތިން މަންޒިލް މިއީ، އަޅުގަނޑުމެން މިހާރު މިކުރާ ދެ މަންޒިލާއި މިތިން މަންޒިލާ އެއްކޮށް 1000 ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށް މިބަލަނީ" ހާރިޝް ވިދާޅުވިއެވެ.

ހާރިޝް ވިދާޅުވީ މޯލްޑިވިއަންއިން އެ ތިންމަންޒިލަށް ދަތުރުތައް ފަށާނީ އާ އެއާކުރާފްޓަކާއެކު ކަމަށެވެ. އެއީ އާ ޖެޓް އެއާ ކުރާފްޓެކެވެ.

ރަސިއާ ވިސަން އިންޓަނޭޝަނަލް ޓުރެވަލް ސާވިސްގެ ޗެއާމަން ހެން ތައީ ވިދާޅުވީ ރާއްޖެއިން ދަތުރުތައް ކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށާއި ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މި އެއްބަސްވުމުގެ ދަށުން އިތުރުކުރެވިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންއިން ޗައިނާގެ އިތުރު ތިން މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު އެގައުމުން މިހާރުވެސް ޗައިނާގެ ތިން ސިޓީ އަކަށް ދަތުރުތައް ކުރެއެވެ.