ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖައްދާ މީހުންގެ ތެރެއިން އެކްރޯ ކުންފުނީގެ ހަވާލުގައި ހައްޖައްދާ މީހުން މިއަދު ފުރައިފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ އެކްރޯ ކުންފުނީގެ ހަވާލުގައި ހައްޖައްދާ މީހުން ފުރާފައި ވަނީ މިއަދު ހެނދުނު 9:20ގައި އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި އެމީހުން ފުރަތަމަ ދިއުމަށް ހަމަޖެހިފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ކަމަށެވެ. އަދި އެތަނުގައި ދެ ގަޑިއިރު މަޑުކުރުމަށް ފަހު ހައްޖާޖީން އަރަފާތުގެ ބިމަށް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީހުން ހައްޖައް ފުރަންގޮސް އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރު ރާއްޖެ އިން 1000 މީހުން ހައްޖަށްދާނެ ކަމަށެވެ. އެއީ ސަރުކާރުގެ ފަރާތުން ހައްޖަށްދާ 500 މީހުންނާއި ހުއްދަ ދީފައިވާ ހަތަރު ކުންފުނީގެ ފަރާތުން ހައްޖަށްދާ 489 މީހުން ކަމަށެވެ.

އެގޮތުން އެކްރޯ ކުންފުނީގެ ހަވާލުގައިދާ 125 މީހުން މިއަދު ފުރާފައިވާ އިރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށްދާ 500 މީހުން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. އެގޮތުން، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފުރަތަމަ ހައްޖަށްފުރާ ގްރޫޕުގައި ހިމެނޭ 250 މީހުން ބުރާސްފަތި ދުވަހުގެ ހެނދުނު ފުރަން ހަމަޖެހިފައިވާ އިރު، ދެ ވަނަ ގްރޫޕުގައި ހިމެނޭ 238 މީހުން ފުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ފަތިހު އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން، ފަތުހު ކުންފުނީގެ ހަވާލުގައި ހައްޖަށްފުރާ 118 މީހުން މިމަހުގެ 15 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ އިރު މިނާ ހައްޖު ގުރޫޕުގެ ހަވާލުގައި ހައްޖައްދާ 125މީހުން މިމަހު 14 ގައި ފުރާނެ އެވެ. އަދި ރާއްޖެ އިން އެންމެ ފަހުން ހައްޖަށްފުރާ ސިސިލްފަރުގެ ހަވާލުގައި ހައްޖަށްދާ 121 މީހުން ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު 16 ވަނަ ދުވަހުގެ ފަތިހު އެވެ.