08 Sep 2014, 14:36
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޭންކް އޮފް ސިލޯނުން ނަގަން ނިންމާފައިވާ 30 މިލިއަން ޑޮލަރުގެ ލޯން ދިނުމަށް ސިލޯން ބޭންކްގެ ބޯޑުން ފާސްކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެލޯން ދިނުމަށް ސިލޯން ބޭންކްގެ ބޯޑުން ފާސްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑް ބައްދަލުވުމެއްގަ އެވެ.
އެލޯނަކީ 18 މަސް ދުވަހުގެ ކޮންޓެކްޓާ ކުރެޑިޓް ލޯނެކެވެ. އެލޯން އަނބުރާ ދައްކަން ޖެހެނީ ހަތް އަހަރު ދުވަހުގެ ތެރޭގަ އެވެ. ލޯންގެ އިންޓުރެސްޓްއަކީ އަށް ޕަސެންޓްއެވެ.
އެޗްޑީސީގެ ޗެއާމަން ހަސަން ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ ސިލޯން ބޭންކުން ނަގާ އެ ލޯން އެޗްޑީސީ އަށް ދިނުމަށް ސިލޯން ބެންކުން ފާސްކުރުމާ އެކު މިހަފްތާގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކުރުމަށް އެޗްޑީސީ އިން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހަފްތާގެ ތެރޭގައި އެލޯންގެ އެއްބަސްވުމުގައި ސޮއިކުރެވޭވަރުވާނެ،"ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ދަނީ ކުރިން ރޭވިފައިވާ ގޮތުގެ މަތިން ކަމަށާއި އެގޮތުން މި މަހުގެ ތެރޭގައި ހުޅުމާލެ ހިއްކަން ބޭނުންކުރާ އާލާތްތައް ރާއްޖެ ގެންނާނެ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފޭހަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން އެ މަސައްކަތަށް ބޭންކް އޮފް ސިލޯން (ބީއޯސީ)ން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމާފައިވާ އިރު، އަނެއް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ހަރަދުކުރާނީ އެޗްޑީސީގެ ރިޒާވުން ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެއްޓި މަޝްރޫއު އެކެވެ.