ޔޫރޯ ކޮލިފިކޭޝަންގައި، ބެކިމް ބަލާޖް 'ވޮލީ' ކިކަކުން ޖަހައިދިން ހައިރާން ކުރުވަނިވި ލަނޑާއެކު 1-0 އިން އަލްބޭނިއާ އަތުން ޕޯޗުގަލް ބަލިވެއްޖެ އެވެ.

އަމިއްލަ ފަސްގަނޑުގައި ރޭ ޔޫރޯ 2016 ގެ ކޮލިފައިންގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ އިރު، އަލްބޭނިއާގެ ބަލާޖްގެ ފަރާތުން މުޅި މެޗުގައި ވެސް ވަނީ ފާހަގަޮށްލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ފިޓްނަސްގެ މައްސަލަތަކާ ހުރެ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައި ޕޯޗްގަލް ކުޅުނު މިމެޗުގައި އެޓީމަށް މިސްރާބު ގެއްލިފައިވާ އިރު ކޯޗު ޕައޮލޯ ބެންޓޯ ރޭ ނަގާފައިވާ ޓީމު ލިސްޓުގައި ވެސް ކްރިސްޓިއާނޯގެ ނަން ހިމަނާފައެއް ނުވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މުބާރާތާ ވަކިވި، ޕޯޗުގަލް ޓީމަށް ލިބިފައިވާ ހިތްދަތިކަން ފޮހެލައި ރޭގެ މެޗުގައި ރަނގަޅަށް ކުޅެމުން ދަނިކޮށް އެ ޓީމުގެ ކުޅުމަށް ހީނަރުކަމެއް އައީ، މެޗުގެ ނަތީޖާ ބަދަލު ކޮށްލަން ނާނީއަށް ލިބުނު ފުރުސަތު ގެއްލުވާލި ހިސާބުންނެވެ.

މެޗުގެ ކުރީ ކޮޅުގައި އަލްބޭނިއާ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުގެ މިޑުފީލްޑަރު އޮޑިސީ ރޯޝީގެ އެހީތެރިކަމާއެކު 53 ވަނަ މިނެޓުގައި ބަލާޖް ގޯލު ޖެހުމާއެކު ޓީމުގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

ކޮލިފައިންގައި ޕޯޗްގަލް ދެން ކުޅޭ މެޗުގައި ވާދަކުރާން ޖެހޭނީ އަންނަ މަހު 14 ގައި ޑެންމާކާ ދެކޮޅަށެވެ. އޭގެ ކުރިން ޓީމު ހަމައަކަށް އެޅުވުމަށް އަންނަ މަހު ފްރާންސާ ދެކޮޅަށް އޮތްއެކުވެރި ކަމުގެ މެޗު ޕޯލް ބެންޓޯއަށް މުހިއްމުވާނެ އެވެ.