19 Jan 2011, 00:00
ރައްޔިތުންގެ އިޚްސާސްތަކުގެ ނާޖާއިޒު ފައިދާ ނެންގެވުމާއި ހަރުދަނާ ޑިމޮކްރެސީއަކަށް ރައްޔިތުން ކުރަމުންދާ އުއްމީދުތައް ފުނޑުފުނޑުވެދާނެ ފަދަ ގޮތަކަށް ހިންގަވަމުންގެންދަަވާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލެއްވުމަށް ގޮަވާލައި ގައުމީ ޕާޓީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އައްޑޫ ސިޓީ މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދަށް އެޑްރެސްކުރައްވާ ގައުމީ ޕާޓީން މިއަދު ފޮނުވި ސިޓީއެއްގައި ބުނަނީ، ވަކި ރަށަކަށް ނުވަތަ ވަކި ސަރަހައްދަކަށް ސިޓީއެއްގެ ލަގަބު ދިނުމަށް ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވަނީ ސިޔާސީ މަގުސަދެއްގައި ކަމަށާއި ރައްޔިތުންގެ މެދުގައި އެމަނިކުފާނު ގެންގުޅުއްވާ ތަފާތުކުރުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަކަމާއި އެކުވެރިކަމަށް އަސަރުކުރަމުންދާ ކަމަށެވެ.
~
އެހެންކަމުން "ރައްޔިތުންގެ އިޚްސާސްތަކުގެ ނާޖާއިޒު ފައިދާ ނެންގެވުން ހުއްޓާލައްވާ ހެޔޮވެރިކަމަކީ ހަމައެކަނި ދޫފުޅުން ވިދާޅުވާ ބަސްފުޅެއް ކަމުގައި ނުހައްދަވާ، ހަރުދަނާ ޑިމޮކްރެސީއަކަށް ރައްޔިތުން ކުރަމުންދާ އުއްމީދުތައް ފުނޑުފުނޑުވެދާނެ ފަދަ ގޮތަކަށް މަނިކުފާނު ކުރައްވަމުންދާ އެންމެހާ މަސައްކަތްޕުޅުތައް މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް،" ގައުމީ ޕާޓީން ވަނީ ރައީސް ނަޝީދުގެ އަރިހުން އެދިފަ އެވެ.
ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ސޮއިކުރައްވައި ފޮނުއްވި ތިން ސޮފުހާގެ އެ ސިޓީގައި އިތުރަށް ބުނަނީ، އައްޑޫ އިން އަސާސީ ޚިދުމަތްތައް ވެސް ނުލިބޭއިރު، އެ އަތޮޅަކީ ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ސިޓީއެކޭ ވިދާޅުވެ އިއުލާންކުރުމަކީ "ސަރުކާރުން އައްޑު އަތޮޅު ރައްޔިތުންނަށްޓަކައި ތަރައްގީގެ އެއްވެސް ކަމެއް ފޯރުކޮށްދިނުމަށް ބޭނުންފުޅުނުވާތީ ރައްޔިތުންނަށް ކުރައްވާފައިވާ ޖެއްސުމެއް،" ކަމަށެވެ.
މީގެ އިތުރުން އައްޑު އަތޮޅަށް ސިޓީގެ ދަރަޖަ ރައީސް ނަޝީދު ދެއްވާފައިވަނީ އެ އަތޮޅުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރެވި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހި އަދި ފެންވަރު ރަނގަޅު މަގުތައް ހެދިފައިވާތީ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ނިންމުމުން ސާފުވާ ކަމަށް ވެސް ގައުމީ ޕާޓީން ބުނެ އެވެ. އެހެންކަމުން މިހާރުން މިހާރަށް އެ އަތޮޅުގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށް، ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައި އަދި ފެންވަރު ރަނގަޅު މަގުތައް ހެއްދުމަށް ވަނީ ރައީސް ނަޝީދަށް ގޮވައިލައިފަ އެވެ. "މިކަންކަމަށް މަގުތަނަވަސްކުރުމުގެ ގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވައިގެން ފާސްކުރުވުމަށް" ވެސް އެ ބަޔާނުގައި ވެއެވެ.
ގައުމީ ޕާޓީގެ ރައީސް ޑރ.ހަސަން ސައީދު މިއަދު ވިދާޅުވީ، ސިޓީއަކުން ލިބެންޖެހޭ ފެންވަރަށް އައްޑު އަތޮޅުގެ ޚިދުމަތްތައް ގާއިމްކުރުމަށް ސަރުކާރަށް ޕްރެޝާ ކުރާނެ ކަމަށާއި ސަރުކާރުން ޖެހޭނީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްގެން ވިޔަސް އެ ޚިދުމަތްތައް ދޭން ކަމަށެވެ.
"މިހާރު ސަރުކާރުން )ސިޓީގެ ޝަރުތުތައް( އިއުލާންކުރިއިރުގައި އެ އަޮތީ އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ މިދެނީ ރަނގަޅު ފެންވަރުގަ ނަރުދަމާވެސް އެބަހުއްޓޭ. ސާފު ބޯފެން ވެސް ލިބެން އެބަ ހުއްޓޭ.އެއީ ހަގީގަތެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން މިހާރު ޑިމާންޑް މިކުރަނީ ތިބޭފުޅުން ވިދާޅުވެފައިއޭ މި އޮތީ އައްޑު އަތޮޅަށް ސިޓީގެ ދަރަޖަ މިދެނީ އެ ފެންވަރުގެ ޚިދުމަތްތައް ހުރީމަކަން. ނެތޭ. އެހެންވީމަ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެންވިޔަސް އެކަން ކުރުވާށޭ. އަޅުގަނޑުމެން ދެން ސަރުކާރަށް ޕްރެޝާ ކުރާނަން އެކަން ކުރުވަން. ކުރަން ޖެހޭނެ. އެއީ ސަރުކާރުން އެއޮތީ ނިންމާފައި އައްޑު އަތޮޅުން މި ޚިދުމަތްތައް ލިބޭކަން." ޑރ.ހަސަން ވިދާޅުވި އެވެ.